މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފެންމަތިވާން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަށް ރާއްޖޭގެ ގައުމީ ބޭންކު (ބީއެމްއެލް) އިން ބުނެފިއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި އޯގަނައިޒް ގޮތެއްގައި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސްކޭމް ހިންގާ މައްސަލަތައް ފާހަގަކުރެވެން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަށެވެ، ސަޢީދު ވިދާޅުވީ، މިފަދަ ސްކޭމްތައް ހިންގަނީ އެއިރެއްގައި އެންމެ މަގުބޫލު ނުވަތަ ޓްރެންޑިން ކަމަކާއި ގުޅުވައިގެން ކަމަށެވެ.

މިސާލެއްގެ ގޮތުން، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ދޫކުރި އިރު، ފޯނުން ގުޅައި ފްލެޓް ލިބުނު ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ބަޔަކުކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މިއަހަރުގެ ތެރޭގައި އައިފޯން 14 ނުކުތް ދުވަސްވަރު، ޕްރޯއޯޑަރަށް އައިފޯން ވިއްކާ ކަމަށް ބުނެ، އޮޅުވާލައިގެން މީސްމީހުން އަތުން ފައިސާ ހޯދާފައިވާކަން ވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

"އަބަދު ވެސް މިކަން ހިނގަމުން އަންނަ ގޮތަކީ އެއިރެއްގަ މުޖުތަމައުގަ ހިނގަމުން އަންނަ ނުވަތަ ޓްރެންޑިން ކަމަކާ ގުޅުވާލަނީ. ދާދި ފަހުން މާލޭގަ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސް ސްކޭމް ކޯލްތަކެއް އަދި އެސްއެމްއެސްތަކެއް ދައުރުވެގެން ދިޔަ. ވަރަށް ގިނަ ގޮތްގޮތަށް މިހާރު މިއަމަލުތައް އެބަ ހިންގާ. އަމަލުތައް ހިންގާ ފަރާތްތަކުން އާ ކަމެއް ކުރަނީއެއް ނޫން. ތަފާތީ ދައްކާ ވާހަކަތައް."
މުހައްމަދު ސަޢީދު/ ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ

ސަޢީދު ވިދާޅުވި ގޮތުގައި، ގޮތް ނޭނގޭ ފައިސާގެ މުއާމަލާތްތައް އެކައުންޓުން ހިންގައިގެން ފާހަގަވާ މައްސަލަތައް ބަލާއިރު އެކަން ދިމާވެފައި ވަނީ އިންޓަނެޓް ބޭންކިންއަށް ވަންނަން ބޭނުން ކުރާ ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް އާލާތްތައް އަދި އީ-މެއިލް ކޮމްޕޮރޮމައިޒްވުމުގެ ސަބަބުންނެވެ. އަދި އެފަދަ އީމެއިލްގައި ނުވަތަ ބްރޯޒާގައި ޕާސްވޯޑް ސޭވްކޮށްފައި ހުރުމުން، އެފަދަ ކަންކަން ހިންގާ ފަރާތްތަކަށް އެކްސެސް ލިބެން ފަސޭހަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހިސާބުން ގިނަ ފަހަރަށް އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް އެކީ ގެއްލެނީއެވެ.

ސަޢީދު ވިދާޅުވީ، މިކަމަށް އާންމުން ހޭލުންތެރިކުރުމަށް 2015 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތަކީ ބައިނަލްއަޤްވާމީ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ ސެކިއުރިޓީ ފީޗާސްތައް ހުރީ ވެސް ބައިނަލްއަޤްވާމީ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތެދެކެވެ. ބީއެމްއެލްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެެކިއެކި ގޮތްގޮތުން އެބޭންކުން އެދަނީ ބުނަމުންނެވެ. ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށްނާއި އޮން؛ލައިން ނޫސްމަޖައްލާތައް މެދުވެރިކޮށެވެ. ދާދި ފަހުން ބީއެމްއެލް އިން ވަނީ ބޭންކުގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށް ބުނެފައެވެ. އަދި ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް މިފަދަ ލިންކުތަކެއް ނުފޮނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ ކުރިން އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކެއް ފޮނުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެމައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެއިދާރާއަށް ގުޅައިގެންނާއި އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ވެސް އެކަހަލަ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް ބުނެފައެވެ.