މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ޙާޞިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުން އަރައިގަތުމުގައި ނަމޫނާ ޤައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީކަމުގައި ސަރުކާރު ހިންގާ މައި ޕާޓީކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިފަކޮށްފިއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ގިނަ ޕާރޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ޙައްޤުތަކާއި އޭގެ އަގުތަށް ދިވެހިރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވިތާ 4 އަހަރު ފުރިފައިވާތީ އެކަމުގެ ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާ އަށާ އެމްޑީޕީގެ މެމްބަރުންނަށާ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ، ސަރުކާރުގެ މި 4 އަހަރަކީ ރާއްޖޭގެ ހުރިހާ ރަށަކާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ 4 އަހަރުކަމަށާއި ބައިނަލްއަޤުވާމީ ތަފާތު ގޮންޖެހުންތަކާ ޙައްސާސް ޙާލަތްތަކުގެ ތެރޭގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ މަޝްރޫޢުތަށް ހަމަހަމަ ކަމާއެކު މި 4 އަހަރު ރަށްތަކުގައި ހިންގުނުކަން ފާހަގަކޮށްފައެވެ.

އެގޮތުން ކަރަންޓާ، މަގާ، ބަނދަރާ، ޢުމްރާނީ ވަޞީލަތްތަކާ، ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނުކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި ހުނަރާ ތަމްރީނާ ،ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތަޢުލީމީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށްވެސް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީ އިސްވެއޮވެ ހިންގާ ސަރުކާރު ކޯލިޝަންގައި ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި ޢަދާލަތުގެ އިތުރުން އެމްއާރުއެމްއެވެ.