ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން، ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ "ރީފް ހެލްތު އެސެސްމަންޓް" ފޮޓޯ މުބާރާތް މިއަދު ފަށައިފިއެވެ.

ދިރާގު، ޓޫރިޒަމް މިނިސްޓްރީ، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ކުރިޔަށްގެންދާ މި މުބާރާތް މިއަދުން ފެށިގެން، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަ ކުރިއަށްދާނެއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން މި މުބާރާތަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތައި ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުންވެސް މި މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައަޅާފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ.

މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށާއި، މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަމަށްވެސް ދިރާގުން ބުނެއެވެ.