މި ހިނގާ 2022 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނުން މައްޗަށް އަރައިފި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،421،901 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 30.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިން ރާއްޖޭގައި މިހާރު އެވްރެޖްކޮށް 8 ދުވަސް ހޭދަކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 4،435 ގައެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އެމަހު ރާއްޖެއަށް 153،737 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާޗް މަހު 150،748 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްގެ ގޮތުގައި އަދިވެސް އޮތީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 199،219 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 14 އިންސައްތައެވެ. ދެވަނާގައި އޮތް ރަޝިއާއިން 174،601 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާރު، އިނގިރޭސިވިލާތުން 155،018 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސައުދީ އަރަބިއްޔާގެ އިތުރުން ސްވިޒަލޭންޑެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،201 ތަނަކަށް ހުއްދަދީފައިވާއިރު، މީގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،196 ތަނަކުންނެވެ. އެއީ 166 ރިސޯޓާއި، 874 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރާފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.