ސަރުކާރު ތެރެއިން ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންމެން ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކޮށްފިނަމަ ޒުވާނުންނަށް ހުރި ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

ކަންކަމުގައި ކުރިއަށްދިޔުމުގައި ހުރި ހުރަސްތައް ނައްތާލުމުން ޒުވާނުންނަށް އިތުރަށް ކުރިއަށްދާންވީ މަގު ފެންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއްވެސް އެބަހުރި. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަކުގައިވެސް ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމުގަވިޔަސް ބޭނުންވާ ވަޒީފާ ހޯދައިދިނުމުގައިވިޔަސް އަޅުގަނޑުމެންގެ ސަރުކާރުން އެ މަސައްކަތެއް ކުރާނެ."
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް

މިނިސްޓަރ ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ކެރިއަރ އެކްޕޯ ބޭއްވޭތީ އުފާކުރައްވާ ކަމަށެވެ.

މި އެކްސްޕޯގެ މަގުސަދަކީ، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

އަދި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަކީ ވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022ގެ ނަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ ހަރަކާތެކެވެ.