އަންނަ އަހަރަށް ދަޢުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓް ދިރާސާކޮށް، ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީން ބަޖެޓު ފާސްކޮށްފިއެވެ.

މަޖިލީހުން ބަޖެޓު މިއަދު ފާސްކޮށްފައިވާއިރު، ބަޖެޓް ފާސްކޮށްފައި ވަނީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

މަޖިލީހުން ބަޖެޓް ދިރާސާކޮށްފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާ ނަމަވެސް ބަޖެޓާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. ތަޅުމުން ގޮތެއް ނިންމާނީ ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ ރިޕޯޓަށް މެންބަރުން ބަހުސްކުުރުމަށްފަހު އިސްލާހެއް އޮތް ނަމަ އިސްލާހުތަކާ އެކުއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށާއި، ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.