ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ހަމަލާދިނުމުގައި މިނިސްޓަރ ނަހުލާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އެއްވެސް ޝާމިލްވުމެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

ޝިމާޒަށް މިރޭ ބަޔަކު ހަމަލާދީފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކުރަމުންދާތީ އެކަމާ ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު ވިދާޅުވީ ޝިމާޒަށް ބަޔަކު ހަމަލާއެއް ދީފައިވާނަމަ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށާއި އެކަމަކީ މިނިސްޓަރ ނަހުލާ ކުރައްވާ ކަމެއް ކަމަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ކަމެއްގައި މިނިސްޓަރ ނަހުލާގެ ބައިވެރިވުމެއް ނޯންނާނެކަން ފާހަގަކުރައްވާ އަލީ ސާލިހް ވިދާޅުވީ އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަށްޓަަކައި އެކަމަނާ ހިތްވަރުވެސް ނުދެއްވާނެ ކަމަށެވެ.

އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ނަހުލާއަކީ. އަދި ޕާޓީގެ ލީޑަރަކީވެސް. އެހެންކަމުން ނަހުލާ އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ބުނެ ބުހުތާނު ދޮގު އިލްޒާމު އެޅުވުމަކީ އަސްލު މައްސަަލައިގެ ފޯކަސް ގެއްލުވާލުންތޯ މިއީވެސް އުފެދޭ ސުވާލެއް."
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް

ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކަކާ އެކު ޝިމާޒް މަގާމުން ވަކިކޮށްދޭން މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގަތުމުން އެކަން ކުރައްވާނީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ކަން އަލީ ސާލިހް ފާހަގަކުރެއްވިއެވެ.

އަދި އޭގެ މަނާއަކީ ޝިމާޒާ ޒާތީވުމެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަކީ މަގުމަތިން ކަންކަން ނިންމާ ބޭފުޅުން ނޫން ކަމަށްވެސް އަލީ ސާޅިހް ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިރޭ ބުނީ ޝިމާޒަށް ހަމަލާދޭން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެކަން ބަލަމުން އަންނަ ކަމަށެވެ.

ޝިމާޒް ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައެއް ވެސް ދާދި ފަހުން ވަނީ ބަލާފައެވެ.

އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. ނަމަވެސް ހެކި ނެތުމާއެކު އެ މައްސަލައިގައި ހިމެނޭ މެމްބަރުންނަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ނިންމަވާފައެވެ.

އެ މައްސަލައަކީ، ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުމުން އޭސީސީން ތަހުގީގުކުރި މައްސަލައެކެވެ.

އެ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅީ ތިން ކުންފުންޏަކުން ކަން އޭސީސީން ފާހަގަކުރެއެވެ. އޭގެ ތެރެއިން ބިޑު އެވޯޑު ކުރަން ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.