ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ހެދުމަށް 6.4 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2023 އަށް ލަފާކުރެވޭ ބަޖެޓްގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހިމަނާފައި ނުވެއެވެ. ސަރުކާރުން ބުނީ، އެކަން ހިމަނާފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓް ދިރާސާކޮށް، ފާއިތުވި ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީން ބަޖެޓު ފާސްކުރިއިރު، އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 6.4 މިލިއަން ރުފިޔާ ހިމެނުމަށް ވަނީ ނިންމާފައެވެ.
އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލްގައި އިތުރު އިމާރާތެއް އެޅުމަށް ސަރުކާރުން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
168 މިލިއަން ރުފިޔާއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާރުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މަސައްކަތް ހަވާލުކުރެވުނު އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ނިހާދުއެވެ.
ދެ އިމާރާތުގެ މަސައްކަތް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަން އަށް ދީފައިވަނީ 420 ދުވަހުގެ މުހުލަތެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މި ދެސްކޫލްގެ މަސައްކަތް އެއްކޮށް ނިމުމުން ޖަމާލުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިަކަމަށް ހައްލު ލިބޭނެ ކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ.
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށް، ހަތަރު ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގައި 34 ކްލާސްރޫމް އިމާރާތްކޮށް، ދެ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތުގައެވެ.
ވަގުތީ އިމާރާތެއްގައި އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދަނީ ޗާންދަނީ މަގުގައި އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެ އިމާރާތުގެ ދިރާސާހެދި ޓީމުން ބުނުމާގުޅިގެން،ނެވެ.