މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީއަށް ދިން ހަމަލާ މިނިސްޓަރ އައިޝަތު ނަހުލާ ކުށްވެރި ކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ޑެޕިއުޓީ މިނިސްޓަރ ޝިމާޒަށް ބަޔަކު ހަމަލާ މިދިނީ، އޭނާގެ ސައިކަލަށް ދާދިފަހުން ގެއްލުންދީ، އިންޒާރުގެ މެސެޖުދީ، އާއިލާ މެމްބަރުންނަށް ގުޅައި އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވަނީ ޝިމާޒުގެ މައްޗަށް ކުރެވޭ، ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުންފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކުގެ ސަބަބުން އޭނާ މަގާމުން ވަކިކޮށްދޭން އެދި ރައީސް އޮފީހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެހެންކަމުން ދަނޑިވަޅުގެ ބޭނުން ހިފައި ބައެއް ފަރާތްތަކުން އަންނަނީ މިހަމަލާގެ ފަހަތުގައިވަނީ އެކަމަނާ އާއި ފިރިކަލުން ގާސިމް އިބްރާހިމް ކަމަށް ދޭހަވާ މޭރުމަކުން ފާހަކަތައް ފަތުރަމުންނެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ، މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ޝިމާޒަށް ދިން ހަމަލާއާއި އެކަމަނާއާ އެކަމަނާގެ އާއިލާއާ ގުޅުވަނީ އަބުރު ކަތިލުމަށް ކަމަށެވެ. އަދި އެހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް. ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން.
އައިޝަތު ނަހުލާ/ މިނިސްޓަރ އޮފް ޓްރާސްޕޯޓް

ޝިމާޒަށް ދިން ހަމަލާއާއި މިނިސްޓަރ ނަހުލާގެ އާއިލާއާ ގުޅުވައި ތުހުމަތުތަކެއް ކުރާތީ އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

"ވީނިއުސް" އާ ވާހަކަ ދައްކަވަމުން އެޕާޓީގެ އިސްތަރުޖަމާނު ވިދާޅުވީ ޝިމާޒަށް ބަޔަކު ހަމަލާއެއް ދީފައިވާނަމަ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށާއި އެކަމަކީ މިނިސްޓަރ ނަހުލާ ކުރައްވާ ކަމެއްކަމަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ކަމެއްގައި މިނިސްޓަރ ނަހުލާގެ ބައިވެރިވުމެއް ނޯންނާނެކަން ފާހަގަކުރައްވާ އިސްތަރުޖަމާނު ވިދާޅުވީ އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަށްޓަަކައި އެކަމަނާ ހިތްވަރުވެސް ނުދެއްވާނެ ކަމަށެވެ.

ޝިމާޒަކީ ކުރިން ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިއެކެވެ. އޭނާއަށް ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރުކަން ލިބުނީ އެމްއާރްއެމްގެ ސްލޮޓެއްގައި މިވެރިކަމުގައެވެ.