ދުނިޔޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ ހައިބަތު ހުރި މުބާރާތް، ވޯލްޑް ކަޕް ހޯސްޓުކުރާ ޤައުމު ކަމަށްވާ ޤަތަރާއި ޖައްސާލައިގެން ހުޅަނގުގެ ބައެއް ގައުމުތަކުގެ ވެރިންނާއ މީޑިއާއިން ފަތުރަމުން އަންނަ ވާހަކަތަކަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ހޫނު ރައްދެއް ދެއްވައިފިއެވެ.

ދޯހާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންފަންޓީނޯ ވަނީ ގާތްގަނޑަކަށް އެއް ގަޑިއިރު ވާހަކަދައްކައި ޤަތަރާއި މުބާރާތުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

ހުޅަނގު ޤައުމުތަކުން ފަތުރަމުން އަންނަ އެއްވާހަކަައަކީ ޤަތަރުގައި ބިދޭސީ މަސައްކަތްތެރިންނާއި އެލްޖީބީޓީ މީހުންނަށް އިހުމާލުވެފައިވާކަަަމަށް ބުނެ ދައްކާ ވާހަކައެވެ. އެގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ވޯލްޑް ކަޕްގެ ސަބަބުން އެކަންކަމަށް ވަނީ ހިޔަނި އެޅިފައެވެ.

އެވާހަކަތަަކަށް ރައްދުދެއްވަމުން ސްވިޒަލޭންޑަށް އުފަން އިންފަންޓީނޯ ވިދާޅުވީ ޤަތަރުގެ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކުން އަމިއްލަ ތާރީހުގައި ކޮށްފައިވާ ނޭއްގާނީ އަމަލުތަކަށް މައާފަށް އެދެން ޖެހޭ ކަމަށެވެ.

"މިއަދު އަހަރެންގެ ހިތުގައި ވަރުގަދަ އިހުސާސްތަކެއް އެބަހުރި. މިއަދު އަހަރެންނަށް ޤަތަރުގެ އިހުސާސްވޭ، އަރަބީންގެ އިހުސާސްވޭ، އެފްރިކާގެ އިހުސާސްވޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހުސާސްވޭ، ބިދޭސީ މަސައްކަތްތެރީންގެ އިހުސާސްވޭ."
އިންފަންޓީނޯ/ ފީފާގެ ރައީސް

ހުޅަނގުގެ ޕްރޮޕެގެންޑާ ފަތުރާ ނޫހެއް ކަމަށްވާ ދަ ގާޑިއަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރި ފަހުން އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާގެ 6،500 ބިދޭސީން ޤަތަރުގައި މަރުވެފައިވެއެވެ. ނަމަވެސް ޤަތަރު ސަރުކާރުން ބުނީ އެއަދަދަކީ އޮޅުވާލުމެއް ކަމަށާއި، ބިދޭސީންގެ މަރުތަކަށް ބަލާއިރު، އެމީހުންނަކީ ވޯލްޑް ކަޕާ ގުޅުން ހުރި މަޝްރޫއުތަކުގައި މަސައްކަތް ކުރާ މީހުން ނޫން ކަމަށެވެ.

ޤަތަރު ސަރުކާރުން ބުނީ 2014 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕް ސްޓޭޑިއަމް ކޮންސްޓްރަކްޝަން ސައިޓްތަކުގައި 37 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އެކްސިޑެންޓް ރެކޯޑްތަކުން ދައްކާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ވޯލްޑް ކަޕްގެ މަސައްކަތާ ގުޅުންހުރީ އެންމެ 3 މަރު ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ ޔޫރަޕްގެ މީހުންނާއި ހުޅަނގުގެ ގައުމުތަކުން އޭނާއަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާ ކަމަށެވެ. އޭނާއަކީ ޔޫރަޕަށް އުފަން މީހެއްކަން ފާހަގަކުރައްވައި، ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3،000 އަހަރު ވަންދެން ހުޅަނގުގެ މީހުން ކުރަމުން އައި ކަންކަމަށްޓަކައި، އެހެން ޤައުމަކަށް ފިލާވަޅުތައް ދިނުމުގެ ކުރިން، ކުރިއަށް އޮތް 3،000 އަހަރު މާފަށް އެދެންޖެހޭ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި ބިދޭސީންނާ މެދު ހުޅަނގުން ހަމްދަރުދީ ވާނަމަ އެމީހުންނަށް ހުޅަނގުގެ ގައުމުތަކަށް ގޮސް މަސައްކަތްކުރެވެން އޮތް ގާނޫނީ ހުރަސްތައް ނައްތާލަައި ޤަތަރު ފަދައިން އެފުރުސަތު ދޭންޖެހެއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން އެޤައުމަށް އައިސްފައިވާ ކުރިއެރުންތައް ހުޅަނގުގެ މީހުން ނުދެނެގަންނަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. މީގެ އަހަރުތަކެއް ކުރިން ނިންމި ނިންމުމަކަށް ފާޑުކިޔާތީ ކަންބޮޑުވުން ފާޅުކޮށް އޭނާ ވިދާޅުވީ، ގަތަރު އޮތީ ތައްޔާރަށް ކަމަށާއި މިއީ މިހާތަނަށް ބާއްވާ އެންމެ މޮޅު އަދި ފުރިހަމަ ވޯލްޑް ކަޕަށް ވާނެކަަށެވެ.

ނޮވެމްބަރު 20 އިން ޑިސެމްބަރު މަހުގެ 18 އަށް ބާއްވާ ވޯރލްޑް ކަޕް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ޤަތަރުން ވަމުންދާއިރު، އެޤައުމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ވަނީ ފަށާފައެވެ. މިކަމާއި ގުޅިގެން ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ ވިދާޅުވީ، މީގެކުރިން ވޯލްޑް ކަޕް ބޭއްވި އެއްވެސް ޤައުމަކާ ދެކޮޅަށް ނުކުރާ ވަރުގެ ދެކޮޅުވެރި ކެމްޕެއިނެއް ޤަތަރާ ދެކޮޅަށް ފަށާފައިވާ ކަމަށެވެ.

ޤަތަރުގެ އަމީރު ވިދާޅުވީ، އެފަދަ ދެކޮޅުވެރި ކަންކަމާ ފުރަތަމަ ކުރިމަތިލެއްވީ، އެއީ ޕޮޒިޓިވް އަދި ބޭނުންތެރި ފާޑުކިއުންތަކުގެ ގޮތުގައި ދެކިގެން އިޚްލާސްތެރި ނިޔަތެއްގައި ކަމަށެވެ. އެހެންނަމަވެސް، އެކެމްޕެއިން ނުހުއްޓި، އިތުރަށް ފުޅާވެ، ހަދަހަދައިގެންވެސް ވާހަކަތައް ފަތުރަން ފެށުމުން މިއީ، ޤަތަރާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިނެއްކަން މިހާރު ސާފުކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވަން އެވޯޑްކުރުމުން ހުޅަނގުގެ ޤައުމުތަކުން ނެގި މައިގަނޑު ދެ މައްސަލައަކީ ބޭރުގެ މަސައްކަތްތެރިންނާމެދު ޤަތަރުން އަމަލުކުރާ ގޮތާއި، އިންސަނީ ހައްގުތަކުގެ މައްސަލައެވެ. އެހެންނަމަވެސް، ލޭބަރުންގެ މައްސަލަތަކާއި، އިންޑަސްޓްރިއަލް މަސައްކަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ގަތަރުން ގެނައި އިސްލާހީ ބޮޑެތި އެތައް ބަދަލުތަކަށް އިންޓަރނޭޝަނަލް ލޭބަރ ޔޫނިއަންތަކުންވަނީ ތައުރީފް ކޮށްފައެވެ.

2022 ވަނަ އަހަރުގެ ފުޓްބޯޅަ ވޯލްޑް ކަޕް އާދީއްތަ ދުވަހު ފަށާއިރު، ގޭހުން ނަފާ ހޯދައިގެ މުއްސަނދިކަން ލިބިފައިވާ މިކުޑަކުޑަ ޤައުމުން މިމުބާރާތަށް ތައްޔާރުވުމަށް 300 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ.