އދގެ މޫސުމާބެހޭ މަހާސިންތާ، ކޮޕް27 ސަމިޓަށް ކަނޑައެޅި ވަގުތު ހަމަވެދިޔަ އިރުވެސް، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ފިޔަވަޅު އެޅުމުގައި ކުރިއެރުމެއް ހޯދުމަށް ގައުމުތަކަށް އެއްބަހެއް ނުވެވެއެވެ.

މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރްމުއްޝައިޚްގައި މިމަހުގެ 6 ވަނަ ދުވަހު ފެށި ކޮޕް27 ސަމިޓްގެ މުއްދަތު އިއްޔެވަނީ ހަމަވެގެން ގޮސްފައެވެ.

އެހެން ނަމަވެސް، ވާހަކަތަކުން ކުރިއެރުމެއް ހޯދޭތޯ، ގައުމުތަކުން ރޭ ވަރަށް ދަންވަންދެންވެސް މަޝްވަރާތައް ބާއްވާފައި ވެއެވެ. މަޝްވަރާތައް ހޫނުވެ، ކުރިއެރުމެއް ނުހޯދޭނަމަ ވާހަކަތަކުން ވަކިވެދާނޭ ކަމުގެ އިންޒާރުވެސް ބައެއް ގައުމުތަކުން ދިނެވެ.

27 މެމްބަރު ގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަންގެ މޫސުމާގުޅޭ ސިޔާސަތުތަކާބެހޭ އެންމެ އިސްވެރިޔާ ފްރޭންސް ޓިމަރމަންސް ވިދާޅުވީ، ވާހަކަތަކުން ކުރިއެރުމެއް ނުލިބޭތީ ކަންބޮޑުވާ ކަމަށާއި، ކުރިއެރުމެއް ނުލިބޭނަމަ މަޝްވަރާތަކުން ވަކިވާންޖެހިދާނޭ ކަމަށެވެ.

ދުނިޔެ އިންތިޒާރު ކުރަމުންދަނީ މޫސުމީ މައްސަލަތަކަށް އަދުލުވެރި ނިންމުމަކަށް ކަމަށާއި، ޚާއްސަކޮށް މޫސުމީ ކާރިޘާތަކާ ދެކޮޅަށް ކޮންމެވެސް ފިޔަވަޅެއް އެޅުމަށް ދުނިޔެ އިންތިޒާރު ކުރާ ކަމަށެވެ.

ހަމަ އެއާއެކު، މޫސުމީ ކާރިޘާތަކުން ޚާއްސަކޮށް ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށް ފަންޑެއް ގާއިމްކުރުމާމެދު ގޮތެއް ނިންމަންޖެހޭ ކަމަށްވެސް ޓިމަރމަންސް ވިދާޅުވިއެވެ.

ކޮޕް27 ކްލައިމޭޓް ސަމިޓުގެ ރައީސް، މިސްރުގެ ސާމިހް ޝުކްރީވަނީ ފުރުސަތުގެ ބޭނުންހިފައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން، މިސްރަށް ޖަމާވި 40،000 އަށްވުރެ ގިނަ މަންދޫބުންނާއި، ދުއިސައްތައާ ގާތްކުރާ އަދަދެއްގެ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވާފައެވެ. އެކަމަކު، ސަމިޓު ނިމުމަކަށް ދިޔައިރު، ސަމިޓުގެ ކާމިޔާބީ އޮތީ ބެލެންސްކޮށެވެ.

ޚަބަރު ލިބޭގޮތުގައި، ޕެރިސް އެގްރީމެންޓްގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއެސްގެ މިންވަރު ހާސިލްކުރުމަށް، މިފަހަރުގެ ސަމިޓުގައި ގައުމުތަކުން އެކަށައެޅި ދެލިކަރުދާހާމެދު ގިނަ ގައުމުތަކުން ހިތްހަމައެއް ނުޖެއެވެ. ސަމިޓުގެ ނިންމުމަށް އަލުން މަޝްވަރާއަށް ދާންޖެހުނީ އެހެންވެއެވެ.

ބައެއް ގައުމުތަކުގެ އޮފިޝަލުން ވިދާޅުވަނީ، ކޮޕް27 ސަމިޓުން އެއްވެސް ކުރިއެރުމެއް ނުހޯދޭނަމަ، މި ސަމިޓަށް އައުމުގެ ބޭނުމެއްވެސް ނެތުނީ ކަމަށެވެ. ކުރި މަސައްކަތް ބޭކާރުވީ ކަމަށެވެ.

ސަމިޓުގެ ފަހުގެ ނިންމުން ނިންމުމުގައި ކުރިއެރުމެއް ނުލިބި، އިތުރު މަޝްވަރާތަކަށް ދާންޖެހުމުން ބައެއް ގައުމުތަކުން، ސަމިޓުގެ ރިޔާސަތު ބަލަހައްޓާ މިސްރަށްވެސް ބޮޑެތި ފާޑުކިއުންތައް އަމާޒުކުރަމުން އެބަގެންދެއެވެ. އެގައުމުތަކުގެ އޮފިޝަލުން ވިދާޅުވީ، ނަތީޖާ މިގޮތަށް ނުކުތީ، ރިޔާސަތުން އެތެރެފެންނަ ގޮތެއްގައި ކަންކަން ކުރަމުން ނުގެންދިއުމުގެ ސަބަބުން ކަމަށެވެ.