ސަރުކާރުގެ ހުރިހާ ޢިދާރާތަކެއްގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތްތަށް ޕޭކޮމިޝަނުން މިހާރު ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރަށް ހަތަރު އަހަރުފުރުމާއި ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި ހޯދުނު ކާމިޔާބީތަށް ބަޔާންކޮށް ސަރުކާރުންވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަށަވަރުކޮށްދޭ ޙައްޤެއްގެ ގޮތުގައި މިހާރު ކަނޑައެޅިއްޖެކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ޕަބްލިކް ސެކްޓާރގެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000ރުފިޔާއެވެ. އަދި ޕްރައިވެޓް ސެކްޓާރ ތަކުގައި ކުދި ފަންތިއަށް 4500 ރުފިޔާ، މެދު ފަންތިއަށް 7000 ރުފިޔާ އަދި ބޮޑެތި ފަންތިތަކަށް 8000 ރުފިޔާވަނީ ކަނޑައެޅިފައެވެ.

މި ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. މައިގަނޑު ތިން ބަޔަކަށް ބަހަލައިގެން އެކުލަވާލައިފައިވާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގައި އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި ޙާޒިރީގެ އިނާޔަތުގެ އިތުރުން އަސާސީ ޕެންޝަންވެސް ހިމެނެއެވެ. މިގޮތުން ރޭންކް 1 ގެ ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ ލިބޭއިރު މިއީ ކުރީގެ މުސާރައާއި އަޅާ ބަލައިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރޭންކް 2ގެ ޑިގްރީ ލެވެލްގެ ޓީޗަރަކަށް މިހާރު 19،467ރ ލިބޭއިރު މިއީ 50 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭންކް 3ގެ މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ ކަނޑައެޅިފައިވާއިރު މިއީ 38 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން މަސައްކަތްކުރާ މުއްދަތަށް ބަލައިގެން މުސާރަ ބޮޑުކުރެވޭ ދެ ރޭންކެއްވެސް ވަނީ އޮނިގަނޑުގައި ހިމަނާފައެވެ.

ޓީޗަރުންގެ އިތުރުން ޕްރިންސިޕްލުންނާއި ސްކޫލުތަކުގެ ޢިދާރީ މުވައްޒަފުންނަށްވެސް މި އައު އޮނިގަނޑުގެ ތެރެއިން މުސާރަ ބޮޑުވެފައިވެއެވެ. އެގޮތުން ރޭންކު 1 ގެ ޕްރިންސިޕަލުންގެ މުސާރައަށް 82 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު ރޭންކް 2 ގެ ޕްރިންސިޕަލުންނަށް 59 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. މިއާއިއެކު ސްކޫލުތަކުގައި މަސައްކަތްކުރާ 1749 ޢިދާރީ މުވައްޒަފުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއްވަނީ އައިސްފައެވެ. މިއާއިއެކު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 8000 މުވައްޒިފުންގެ މުސާރަވަނީ ބޮޑުވެފައެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ހެޔޮ ބަދަލާއިއެކު ދެން އޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުންކަމަށާއި ދިރާސާ ނިމުމާއިއެކު ސިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް މިއަހަރުގެ ފެބުރުއަރީމަހު ށ ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްވަނީ ވިދާޅުވެފައެވެ.

ރައީސްވަނީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުކުރެވޭނެ ބަދަލުތަކެއް އާއްމު މީހާގެ ދިރިއުޅުމަށް ގެނެސްދިނުންކަން ފާހަގަކުރައްވާފައެވެ.