ފުޓުބޯޅަ ތަރި، ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޤަތަރުގައި މިރޭ ފަށާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭ ގޮތްވެއްޖެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދިން ބެންޒެމާ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް 2022 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ފްރާންސް ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ބުނީ، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަލަމަސްގަނޑަށް އަނިޔާ ލިބިފައިވާ ކަމަށާއި މުބާރާތުގައި ނުކުޅެވޭނެ ކަމަށެވެ.

އެފެޑެރޭޝަނުން ބުނީ އެމްއާރުއައި ސްކޭނަކުން އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އަނިޔާއިން އަރައިގަތުމަށް މަދުވެގެން ހަފުތާގެ ރިކަވަރީ ޕީރިއަޑެއް ބޭނުންވާނެ ކަމަށެވެ. އަދި ބެންޒެމާގެ ހިތާމައިގައި މުޅި ޓީމުންވެސް ބައިވެރިވާ ކަމަށާއި އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޤަތަރު ވޯލްޑް ކަޕް 2022 ގެ މެޗު ތާވަލަށް ބަލާއިރު، މުބާރާތުގެ ގްރޫޕް ޑީގައި އޮތް ފްރާންސްގެ ފުރަތަމަ މެޗު އޮތީ މިމަހުގެ 22 ވާ އަންގާރަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި 26 ނޮވެމްބަރު 2022 ވާ ހޮނިހުރި ދުވަހު ޑެންމާކާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، މިމަހުގެ 30 ވާ ބުދަ ދުވަހު ޓިއުނީޝިއާއާ ދެކޮޅަށްވެސް އެޓީމުން ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ބަދަލު ކުޅުންތެރިއަކު ގެނައުމަށް ހޯމަ ދުވަހާ ހަމައަށް ފުރުސަތު އޮތް އިރު، ފްރާންސަށް ކުޅުނު 97 މެޗުގައި 37 ލަނޑު ޖަހާފައިވާ އުމުރުން 34 އަހަރުގެ ބެންޒެމާއަށް ނުކުޅެވޭ ގޮތްވުމަކީ މިމުބާރާތަށް ފުރާންސް ނުކުންނައިރު ލިބުނު ހަމައެކަނި ގެއްލުމެއް ނޫނެވެ.

ސަބަބަކީ ފުރާންސުން މުބާރާތަށް ނުކުންނަނީ އަނިޔާގެ ސަބަބުން މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭއާވެސް ނުލައެވެ. އަދި އެޓީމުގައި ހިމެނޭ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާންވެސް އަދި ކުޅުމަށް ފިޓެއް ނޫނެވެ.

ފުްރާންސްގެ ގައުމީ ޓީމުން ވަނީ ދެ ފީފާ ވޯލްޑް ކަޕާއި ދެ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕާއި ދެ ފީފާ ކޮންފެޑެރޭޝަންސް ކަޕާއި ކޮންމެބޯލް-ޔުއެފާ ކަޕް އޮފް ޗެމްޕިއަންސްގެ އެއް ފަހަރު އަދި ޔުއެފާ ނޭޝަންސް ލީގުގެ އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.