މެލޭޝިޔާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުން، ކުރިންވެސް ލަފާކުރެވިފައިވާ ގޮތަށް އެއްވެސް ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށްވެސް ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް ގޮނޑިއެއް ނުލިބުނެވެ.
މެލޭޝިޔާގެ ޕާލަމެންޓް ނުވަތަ ދީވާން ރަކްޔަތުގައި ހިމެނޭ 222 ގޮނޑިއަށް 900 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، މައި ޕާޓީތައް ލީޑްކުރާ އެތައް 4 ކޯލިޝަނެއް ވާދަކުރިއެވެ.
އޭގެތެރޭގައި، މިހާރު ވެރިކަމުގައި ހުންނެވި ވަގުތީ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބުގެ ބަރިސަން ނޭޝަނަލް، އެ ޕާޓީގެ ޒަމާންވީ ވާދަވެރިޔާ އަންވަރު އިބްރާހިމްގެ ޕަކަތަން ހަރަޕަންއާއި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކަތަން ނޭޝަނަލް އަދި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދުގެ ގެރަކަން ތަނަހް އެއަރ ހިމެނުނެވެ.
އިންތިޚާބުގެ ނަތީޖާއިން އެންމެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބްރާހިމްގެ ޕަކަތަން ހަރަޕަންއާއި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔަސީންގެ ޕެރިކަތަން ނޭޝަނަލްއެވެ.
ޕަކަތަން ހަރަޕަންއަށް 81 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، ޕެރިކަތަން ނޭޝަނަލްއަށް ލިބުނީ 73 ގޮނޑިއެވެ. މިހާރު ވެރިކަމުގައިއޮތް ބަރިސަން ނޭޝަނަލްއަށް ލިބުނީ 30 ގޮނޑިއެވެ. ޑރ. މަހާތީރު މުހަންމަދުގެ ކޯލިޝަނަށް އެއްވެސް ގޮނޑިއެއް ނުލިބެއެވެ.
ޕކަތަން ހަރަޕަންއާއި، ޕެރިކަތަން ނޭޝަނަލްއަށްވެސް ވަކިން ސަރުކަރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ގޮނޑި ލިބިފައި ނުވާއިރު، ދެން ޖެހޭނީ ގޮނޑިތައް ކާމިޔާބުކުރި އެހެން ޕާޓީތަކާ ނުވަތަ ކޯލިޝަންތަކާ މަޝްވަރާކޮށްގެން ސަރުކަރެއް އެކުލަވާލަން ބޭނުންވާ ވަރަށް ގޮނޑި ހަމަކުރުމަށެވެ.
ބޯރނިއޯ އިންތިޚާބުގައި ވާދަކުރި ދެ ޕާޓީއެއް ހިމެނޭ ކޯލިޝަނަކުން 28 ގޮނޑި ކާމިޔާބު ކޮށްފައިވުމުން، ސަރުކާރެއް އެކުލަވާލަން ޕަކަތަން ހަރަޕަންއާއި ޕެރިކަތަން ނޭޝަނަލްއިންވެސް ބައިއަތުހިފުން އެންމެގާތީ އެ ދެޕާޓީއާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.
ޕަކަތަން ހަރަޕަންގެ ޗެއަރމަން އަންވަރް އިބްރާހިމް މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ސިމްޕަލް މެޖޯރިޓީއަކުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް މެމްބަރުންގެ ތާއީދު އޭނާގެ ކޯލިޝަނަށް މިހާރު ލިބިފައިވާ ކަމަށެވެ. އަންވަރު ވިދާޅުވީ، އޭނާގެ ކޯލިޝަންގެ ގޮނޑީގެ އަދަދު 111 އަށްވުރެ އިތުރު ކަމަށެވެ.
އެހެން ނަމަވެސް، ސަރުކާރެއް އެކުލަވާލައްވާނީ ޕާލަމެންޓުގެ ފުރިހަމަ މެޖޯރިޓީ ލިބުމުން ކަމަށް އަންވަރު ވިދާޅުވިއެވެ.
ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕެރިކަތަން ނޭޝަނަލްގެ ޗެއަރމަން އަދި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ސަރުކާރެއް އެކުލަވާލަން ތާއީދު ހޯދުމަށް ސަބާހް އަދި ސަރަވަކްގެ ޕާޓީތަކާ މަޝްވަރާ ކުރައްވާނޭ ކަމަށެވެ.
މުހްޔިއްދީން ޔާސީން ވިދާޅުވީ، އެއްވެސް ޕާޓީއަކާ ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލަން ޖެހުނަސް، އެ ސަރުކާރެއްގައި ތަންފީޒު ކުރެވޭނީ ޕެރިކަތަން ނޭޝަނަލް ޕާޓީގެ މެނިފެސްޓޯ ކަމަށެވެ.