މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދަކީ، ދުނިޔޭގެ ގައުމެއްގައި ވެރިކަން ކުރެއްވި އެންމެ އުމުރުފުޅުން ދޮށީ ލީޑަރުގެގޮތުގައި ދުނިޔޭގެ ރެކޯޑްފޮތުން ޖާގަ ހޯއްދަވާފައިވާ ބޭފުޅާއެވެ.

އެއީ، 2018 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުންނެވެ. އޭރު މަހާތީރުގެ އުމުރުފުޅަކީ 93 އަހަރެވެ.

ޑރ. މަހާތީރުގެ އުމުރުފުޅަކީ މިހާރު 97 އަހަރެވެ. މެލޭޝިޔާގައި އިއްޔެ ބޭއްވި އިންތިޚާބަށް ޑރ. މަހާތީރު މުހަންމަދު ނުކުމެވަޑައި ގެންނެވީ އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދަވައި، އިތުރު ދެ ޕާޓީއަކާ ގުޅި، ކުޑަ ކޯލިޝަން ހައްދަވައިގެންނެވެ.

މަހާތީރުގެ ކޯލިޝަނުން އިންތިޚާބުގެ އެކި ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނުއިރު، ޚުދު މަހާތީރުވެސް، އެމަނިކުފާނު ޒަމާނުއްސުރެ ފުރުއްވަމުން ގެންދެވި ލަންގްކާވީގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުމެވަޑައި ގެންނެވިއެވެ.

ލަންގްކާވީގެ ގޮނޑިއަށް ޖުމްލަ 5 ބޭފުޅުން ވާދަކުރެއްވިއިރު، ވޯޓުން ޑރ. މަހާތީރު ވަޑައިގެންނެވީ 4 ވަނައަށެވެ.

މިއީ، ވޭތުވެދިޔަ 53 އަހަރުގެ ތެރޭގައި އިންތިޚާބެއްގައި ވާދަކުރައްވައި މަހާތީރު ބަލިވެވަޑައި ގެންނެވި ފުރަތަމަ ފަހަރެވެ.

އިއްޔެގެ އިންތިޚާބުގައި މަހާތީރު ވޯޓުލައްވަނީ:

ގެރަކަން ތަނަހް އެއަރ ނުވަތަ "ހޯމްލޭންޑް ފައިޓަރސް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން މިފަހަރުގެ އިންތިޚާބަށް ޑރ. މަހާތީރު މުހަންމަދު ނުކުމެވަޑައިގެންނެވީ މެލޭޝިޔާގެ ވެރިކަމުގައި އޮތް "މުޖުރިމުންގެ" ސަރުކާރު ބޭރުކުރުމަށެވެ.

2018 ވަނަ އަހަރު ކޮރަޕްޓް ވެރިން ދުރުކުރުމަށް "ޕަކަތަން ހަރަޕަން" ގެ ނަމުގައި ޕާޓީއެއް އުފައްދަވައި، ބިޔަ ކޯލިޝަނަކާއެކު ނުކުމެވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، މިފަހަރުގެ އިންތިޚާބުން މަހާތީރުގެ ކޯލިޝަނަށް ލިބުނީ "ސުމެކެވެ". އެންމެ ގޮނޑިއެއްވެސް އެ ކޯލިޝަނަކަށް ނުލިބުނެވެ.

ކޯލިޝަނަށް ގޮނޑިއެއް ނުލިބުނުތާނގައި، މަހާތީރު އެތައް ޒަމާނެއް ވަންދެން ފުރުއްވަމުން ގެންދެވި ގޮނޑިވެސް ގެއްލިވަޑައިގެންނެވީއެވެ.

އިންތިޚާބަށް ކެމްޕެއިން ކުރެއްވިއިރު، މިފަހަރަކީ އިންތިޚާބެއްގައި ވާދަކުރައްވާނެ އެންމެ ފަހު ފަހަރުކަމަށް މަހާތީރު އިޝާރާތްވެސް ކުރައްވާފައިވުމާއެކު، އަމުދުން ޕާލަމެންޓުގެ ގޮނޑި ގެއްލިވަޑައިގަތުމުން މަހާތީރު ދެން ސިޔާސީ މައިދާނުން ފެނިދާނެ ކަމާއެކު މިހާރުވަނީ ސުވާލު އުފެދިފައެވެ.

އުމުރުފުޅުން ދޮށި ނަމަވެސް، ޑރ. މަހާތީރު މުހަންމަދު އިންތިޚާބުގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވިއެވެ. މުސްކުޅިފުޅު ކަމާއެކުވެސް ފުރިހަމަ ސިއްހަތެއްގައި ހުންނެވިކަން ބޭރުފުށުން ފެނެއެވެ.

ދެފަހަރެއްގެމަތިން 20 އަހަރަށްވުރެ ގިނަދުވަހު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި މަހާތީރަކީ މުޅި އޭޝިޔާވެސް ދުށް އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

1981-2003 އަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން މަހާތީރު ކުރެއްވި ގޮށްމުށުގެ ބާރުންކަމަށް ބުނެ މެލޭޝިޔާގެ އެތައްބައެއްގެ ނުރުހުން މަހާތީރަށް އަމާޒުވެގެންދިޔައެވެ. ފާޑުކިއުންތަކާ ކުރިމަތިވެވަޑައި ގެންނެވިއެވެ.

ހަމަ އެއާއެކު، އެއްވެސް ދިރުމެއް އާރޯކަމެއްނެތް ހަމަހިމެން ތަނެއްގެގޮތުގައިއޮތް މެލޭޝިޔާއަށް އުމްރާނީގޮތުން ގައުމު އާބާދުކުރައްވައި، ޒަމާނީ ތަރައްގީ ގެންނަވައި، ހައި ޓެކްގެ ސާމާނު އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުގެގޮތުގައި މެލޭޝިޔާ ހެއްދެވުމުގެ ތައުރީފްވެސް މަހާތީރަށް ލިބިވަޑައިގެންފައި ވެއެވެ.

މަހާތީރުގެ ވެރިކަމުގައި މެލޭޝިޔާ ދުށީ ސިޔާސީ ހަމަޖެހުންތަކުގެ ދުވަސްތަކެވެ. އެހެންވެ، މަހާތީރަށް "ޒަމާނީ މެލޭޝިޔާގެ ބައްޕަ" ގެ ދަރަޖަވެސް ދެވިފައި ވެއެވެ.