ރާއްޖޭގެ ކަލިނަރީ ފަންނުގެ ހިދުމަތްތެރީންގެ އަގު ވަޒަންކުރުމުގެ ގޮތުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސް(ސީޖީއެމް)އިން ތައާރަފްކުރި "ސީޖީ ޝެފް އެވޯޑްސް 2022" ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި އޮތް "ސީޖީ ޝެފް އެވޯޑްސް 2022" ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސީޖީއެމް އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް މުނާސަބަތާއި ދިމާކޮށް ތައަރަފްކުރި މި އެވޯޑްގެ މަގްސަދަކީ ރާއްޖޭގެ ކަލިނަރީ ފަންނުގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުން ކަމަށެވެ.

މިއަހަރުގެ ސީޖީ ޝެފް އެވޯޑްސް 36 ފަރާތަކަށް ދީފައިވާއިރު، މި އޮވޯޑް ދީފައިވަނީ 10 ކެޓެގަރީއަކުންނެވެ. އޭގެ ތެރޭގައި، ޔަންގް ސެޕް، ސޫސް ޝެފް، އެގްޒެކެޓިވް ޝެފް، އެޑިއުކޭޝަން ޝެފް، ކޮންޕެެޓިޝަން ޝެފް، ލޯންގް ސާވިސް ސްޕްޝަލް އެވޯޑް، ސްޕެޝަލް ރެކޮގްނިޝަން އެވޯޑް، އައުޓްސްޓޭންޑިންގެ އެޗީވްމަންޓް އެވޯޑް އަދި ޝެގް އޮފް ދަ އިޔާގެ އެވޯޑް ހިމެނެއެވެ.

ސީޖީއެމުން ބުނީ މި އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްފަހަރު މިއެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރު ގައުމުތަކުގެ ޝެފުންނަށް ވެސް މި އެވޯޑްގައި ކުރިމަތިލެވޭނެ ކަމަށް ވެސް ސީޖީއެމް އިން ބުނެއެވެ.

ސީޖީއެމްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލްކުރުމަށް އުފެއްދި އެންމެ ފުރުތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ގަވަރމަންޓް ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މަގްސަދަކީ ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ.