ދުނިޔޭގެ އެންމެބޮޑު "ފުޓްބޯޅަ އީދު" ކަމަށްވާ ވޯރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށާއި، ވަކި ގައުމުތައް ކުޅޭ މެޗްތައް ބައްލަވާލެއްވުމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި، ސިޔާސީ ލީޑަރުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ޑިޕްލޮމެޓުން ގަތަރަށް ވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

ގަތަރަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ލީޑަރުންގެތެރޭގައި، އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތިބޫންއާއި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުޓަރޭސް ހިމެނިވަޑައި ގަންނަވައެވެ. އެބޭފުޅުން އިއްޔެވަނީ ގަތަރަށް ވަޑައިގެންފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާންވެސް ރޭގައިވަނީ ގަތަރަށް ވަޑައިގެންފައެވެ.

ގަތަރާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގި އަހަރުތަކަށް ދެމިގެންދިޔަ އަރާރުންތައް ނިމި، ދެގައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.

މުހަންމަދު ބިން ސަލްމާން ގަތަރަށް މި ވަޑައިގެންނެވީ ވޯރލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގަތުމަށެވެ.

ސައުދީ އަރަބިއްޔާ ގްރޫޕް ސީގައި ހިމެނޭއިރު، ސައުދީ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ސައުދީއާ ދެކޮޅަށް ނުކުންނާނީ އާޖެންޓީނާއެވެ.

ވޯރލްޑް ކަޕް ހުޅުމުގެ ރަސްމިއްޔާތަށް ރުވާންޑާގެ ރައީސް ޕައުލް ކަގާމޭއާއި، ސެނެގާލް، އީރާން، ވެނެޒުއެލާ، އިންޑިއާ، އުމާން، ފްރާންސް އަދި އިތުރު އެތައް ގައުމެއްގެ ވެރިންނާއި، އިސް އޮފިޝަލުން މިއަދު ވަނީ ގަތަރަށް ވަޑައިގެންފައެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީވެސް މިއަދު ގަތަރަށް ވަޑައިގަންނަވާނެ ކަމަށް މިސްރުގެ ރަސްމީ ޓީވީން ބުނެފައި ވެއެވެ.

ގަތަރުގެ އަމީރުގެ އޮފީހުން ބުނެފައިވަނީ، ވޯރލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެތައް ގައުމެއްގެ އެންމެ އިސް ވެރިންނާއި، ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި، ގާތް އެކުވެރި ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައި ގަންނަވާނެއެވެ.

ވޯރލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވޭ ގައުމުތަކުގެ ވެރިންވަނީ، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީއަށް މަރްހަބާ ވިދާޅުވެ މެސެޖްތައް ފޮނުއްވާފައެވެ. އަދި ފޯނުން ގުޅުއްވައިވެސް ވެރިން މަރްހަބާ ވިދާޅުވަމުން ގެންދަވާ ކަމަށް ގަތަރުގެ މީޑިއާއިން ބުނެއެވެ.

ފީފާ ވޯރލްޑް ކަޕް ގަތަރު ރަސްމީގޮތުން ހުޅުވުމުގެ އިހުތިފާލުތައް ކުރިއަށްދާނީ އަލް ބައިތު ސްޓޭޑިއަމްގައެވެ. އިހްތިފާލުތައް ފެށޭނީ ގަތަރުގެ ގަޑިން ހަވީރު 5 ޖަހާއިރުއެވެ.

މުބާރާތް ހުޅުވާ މެޗްގައި ގަތަރާއި އިކުއެޑޯރ ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުވާ މެޗް ފަށާނީ ގަތަރުގެ ގަޑިން އިރުއޮއްސި 7 ޖަހާއިރުއެވެ.

މުބާރާތް ހުޅުވާ މެޗްގައި ކުޅޭ އިކުއެޑޯރގެ ރައީސް ލެސޯއަށް ގަތަރުން ދިން ދައުވަތު ގަބޫލު ނުކުރައްވައި، ފުރުސަތު ދެއްވީ އޭނާގެ ނައިބް ރައީސަށެވެ. އިކުއެޑޯރގައި މިދުވަސްވަރު ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތީ، ރައީސް ވިދާޅުވީ، އޭނާއަށް މިވަގުތު މުހިންމީ ގައުމުގައި ހުންނަވައި މައްސަލަތައް ހައްލުކުރެއްވުން ކަމަށެވެ.

ގަތަރަށް ވަޑައިގަތުމަށް އާޖެންޓީނާގެ ރައީސަށް ގަތަރުން ދިން ދައުވަތުވެސް ވަނީ ގަބޫލު ނުކުރައްވާފައެވެ. އަދި އެއްވެސް މިނިސްޓަރަކުވެސް ގަތަރަށް ވަޑައިގަތުންވަނީ މަނާކުރައްވާފައެވެ.

އާޖެންޓީނާގެ ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮއްވައި މިނިސްޓަރުން "މަޖާކުރައްވަނީ ކަމަށް" ރައްޔިތުންނަށް ދޭހަވާގޮތަށް ކަންތައް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ޑެންމާކަކީ ގަތަރުގައި ވޯރލްޑް ކަޕް ބޭއްވުމާ ފެށުނީއްސުރެ ދެކޮޅު ގައުމެއްކަމުން، އެގައުމުގެ ސަރުކާރުވެސް އަދި ޝާހީ އާއިލާގެ ބޭފުޅަކުވެސް މުބާރާތް ބަލާލާންވެސް ވަޑައިނުގަންނަވާނެއެވެ.