8 ގަޑިއިރާއި 54 މިނިޓުތެރޭގައި އެމެރިކާގެ ސިޓީއެއްކަމަށްވާ ވޮޝިންގްޓަން ޑީސީގެ ހުރިހާ މެޓްރޯ ސްޓޭޝަނަކަށް ޒިޔާރަތްކޮށްގެން ރެކޯޑެއް ހަދައިފިއެވެ.

މި ރެކޯޑް ހެދި ލޫކަސް ވޯލް ވަނީ މިމަހުގެ 16 ވަނަ ދުވަހު ވޮޝިންގްޓަން މެޓްރޯޕޮލިޓަން އޭރިއާ ޓްރާންސިޓް އޮތޯރީޓީސް ސިލްވާ ލައިން ސާވިސްގައި މުޅި ދުވަސް ހޭދަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލޫކަސް އޭނާގެ ދަތުރުފެށީ ވޮޝިންގްޓަން ޑީސީގެ އޭޝްބާން ސްޓޭޝަނުންނެވެ. 8 ގަޑިއިރާއި 54 ތެރޭގައި ހެދި މިރެކޯޑް މަސައްކަތުގައި ލޫކަސް ވަނީ 97 ސްޓޭޝަނަށް ޒިޔާރަތްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިނަސް ވޯލްޑް ރެކޯޑްސުން ބުނީ ލޫކަސްގެ މި ރެކޯޑް ހެދުމުގެ މަސައްކަތަކީ ކުރީގައި މިރެކޯޑް ހަދާފައިވާ ފަރާތާއި އެންމެ ގަޑިއިރެއްގެ ތަފާތު ހުރި ރެކޯޑެއް ކަމަށެވެ. މި ރެކޯޑް ކުރިން ހެދި ފަރާތްކަމަށްވާ ސްކޮޓް ބެނެޓް ވަނީ 2019 ވަނަ އަހަރު 7 ގަޑިއިރާއި 59 މިނެޓު ދަތުރުކުރުމުގައި ހޭދަކޮށްފައެވެ. 2019 ވަނަ އަހަރުން ފެށިގެން ވޮޝިންގްޓަން ޑީސީގެ މެޓްރޯއިން ވަނީ 6 އައު ސްޓޭޝަނެއް އެ ސިޓީގައި ގާއިމްކޮށްފައެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ލޫކަސް ބުނީ، މި ރެކޯޑް ހެދުމުގެ ބޭނުމަކީ ޒަމާނުއްސުރެ އިންތިޒާރު ކުރަމުން އަންނަ ޓްރާންސިޓް ފުޅާކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.