ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ.ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރާއީސްއާއި ހިއްސާކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މަޢުލޫމާތު ވެސް ކައިންސިލުން ވަނީ ރައީސްއާއި ހިއްސާކޮށްފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފާހަގަކުރައްވައި، ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައ ހޯދޭނެ ހައްލަކާއި ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ މިސަރުކާރުންކަން ފާހަގަކުރައްވައި، ރައީސްއާއި ބައްދަލުކުރެއްވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ލިބިގެންހިނގައްޖެ ކަމުގައި ވިދާޅުވެފައެވެ.