ޤަތަރުގައި މިރޭ ފަށާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ދިމާކޮށް ވިލާ ޓްރޭޑިންގް އާއި ވިލާ ހަކަތައިން ގުޅިގެން ޚާއްސަ ކެންޕެއިނެއް އިފްތިތާހުކޮށްފިއެވެ.
"މަވެސް ބަލަން" މި ނަމުގައި އިފްތިތާހު ކުރި މި ކެމްޕެއިން ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވިލާއިން ބުނީ، މި ކެންޕެއިންގެ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ފޮޓޯ ޗެލެންޖް، ލަކީ ޑްރޯ ފަދަ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ކެންޕެއިންގެ ދަށުން ކުރިއަށްގެންދާ ލަކީޑްރޯގެ ނަސީބުވެރިންނަށް ހިތްގައިމު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، އެއް ވަނަ އިނާމަކަށް އައިފޯން ޕްރޯ މެކްސްއާއި، ދެވަނަ އިނާމަކަށް ދެފަރާތަކަށް ރިސޯޓު ދަތުރެއް ލިބުމުގެ އިތުރުން ތިން ވަނަ އިނާމަކަށް ޑިސްކައުންޓް ކޫޕަނެއް ލިބޭނެ ކަމަށް ވެސް ވިލާއިން ބުނެއެވެ.
ވިލާ މާޓް ނުވަތަ ވިލާ ގޭސް އިން ވިޔަފާރީ ކުރާ ހުރިހާ ކަސްޓަމަރުންނަށް ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
މީގެއިތުރުން މި ކެންޕެއިންގެ ސޯޝަލް މީޑިއާ ފޮޓޯ ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކަށް ގިފްޓް ހެމްޕާ ވެސް ލިބޭނެ ކަމަށް ވިލާއިން ބުނެއެވެ.
މި ކެންޕެއިންގެ ދަށުން ވިލާ މާޓްގެ ފިހާރަތަކުގައި، ހޮވާލެވޭ އެކްސްކްލޫސިވް ބްރޭންޑުން (ޓޯނީސް ޗޮކްލެޓް އެންޑް ގާޑަންސް ބްރޭންޑް ޖެމްސް) ޑިސްކައުންޓް ދެމުން ދާނެ ކަމަށް ވެސް ވިލާއިން ބުނެއެވެ.