އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕަރޓްނަރވެ ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، މީޑިއާނެޓް ހެޑް އޮފް ވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ އެހެނިހެން ޕާޓްނަރުންވެސް ހިމެނެއެވެ.

އުރީދޫއިން ބުނީ، އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޒޯންތަކެއް ކަމަށެވެ.

އަދި މި ޒޯންތައް އުފައްދާފައިވަނީ، މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލްގެ އިތުރުން ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން ކަމަށް ވެސް އުރީއިން ބުނެއެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫއިން ވަނީ ހާއްސަ އޮފަރ ތަކެއްވެސް ލޯންޗްކޮށްފައެވެ.

އެގޮތުން، މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބިގެންދާނެއެވެ.

މީގެއިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލަރ އެޕް ގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.