ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް މއ.މަނާގެ އަލީ ފާއިޒު އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ފާއިޒް މިމަގާމަށް އައްޔަން ކުރަން ފޮނުވާފައިމިވަނީ ކުރިން އެމަގާމުގައި ހުންނެވި ޢުމަރު ޢަބްދުއްރައްޒާޤު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ފާއިޒް އަންނަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލެއްވި ޕޮލިސް ބޯޑުގެ ރައީސްކަން ކުރައްވަމުންނެވެ.

ޢަލީ ފާއިޒު ވަނީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރ ކަންވެސް ކުރައްވާފައެވެ.