މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ކުރަމުންދާ ބަހުސްގެ ތެރޭގައި ރައީސް ނަޝީދު ވަނީ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރާ މެދު މެމްބަރުން ވިސްނަންޖެހޭ ކަމަށާއި މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރި މަދުންކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ހަފްތާތަކުގައި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތި މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

އަދި ޚާއްސަކޮށް އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު އިނދެ ފާހަގަނުކޮށް އަޅުގަނޑު ބާއްވަން ޖެހޭނެ ނުކުތާއެއް ނޫން."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތަށް އަންނަ ކުރިއެރުންތަކާއެކު ބަޖެޓް ކުރެވޭ މަޝްރޫއުތައް ހިންގޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ވަނީ ބަޖެޓް ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

ބަޖެޓް ކޮމެޓީން ފާސްކުރި ބަޖެޓަށް ވަނީ 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން އިތުރު ކުރި ބަޔާއިއެކު ބަޖެޓްވަނީ 42.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ.

އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް ބަޖެޓަށް ކޮމެޓީން ގެނައި ބަދަލާއިއެކު އަދަދުތަކަށް ބަދަލު އަންނާނެއެވެ.