މަސްވެރިކަން އެންމެ ތިޔާގި ސަރަހައްދުތަކުގައި ކާރުޚާނާތަކާއި ކޯލްޑް ސްޓޯރޭޖްތައް ހެދިފައިނެތުމަކީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެ ހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް ފެސިލިޓީ ގާއިމްވެފައިނުވާތީ ކަމަށް މިނިސްޓަރ މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކާރުޚާނާތަކާއި ކޯލްޑް ސްޓޯރޭޖްތައް ނެތުމުން މަހުގެ ކޮލިޓީ ދަށްވެ މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރަށް މަތީއަގު ލިބޭގޮތައް ޕްރޮސެސްނުކޮށް ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާކަމަށެވެ.

އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސްއަކަތްކަތެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ފެލިވަރުގެ މަސައްކަތް ކުރުމަށްޓަކައި ޕްރޮފޯސަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖް އަޕްގްރޭޑް ކުރުމަށްޓަކައި ހިއްކަން ޖެހޭ ބިން ހިއްކާ އެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ސައުދީ ފަންޑުގެ ލޯނުގެ ދަށުން ކޫއްޑޫގައި އިތުރު ހަތަރުހާސް ޓަނު އަދި ގދ. ތިނަދޫގައި އެއްހާސް ޓަނު، މ.މުލަކުގަ ފައްސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރޭޖް ހަދައި ނިމުމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރ ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އަދި ދެކުނު ސަރަހައްދު މަސްވެރިކަމުގެ މޫސުމުގައި މަސްބާނާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ މަސްގަތުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ބޭރުން ތިން ބޯޓެއް ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ޑރ. ހުސައިން ވިދާޅުވެފައިވެއެވެ.