ގާތްގަނޑަކަށް 12 އަހަރުގެ ތައްޔާރީތަކަށްފަހު 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާދީއްތަ ދުވަހު ފަށައިފިއެވެ. މިއީ ޢަރަބި ޤައުމެއްގައި ބާއްވާ ފުރަތަމަ ފުޓްބޯޅަ ވޯލްޑް ކަޕެވެ.

ސްޓޭޑިއަމްތަކުން ފެށިގެން މެސްކޮޓާ ހަމައަށް ވެސް އެހާއްސަކަން ފެނިގެން ދިޔައެވެ. ނަމަވެސް އެހުރިހާ ކަމަކަށް ވުރެ ދުނިޔޭގެ ސަމާލުކަން ލިބުނީ ޤަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާ ޣަނީމް އަލް މުފްތާހުގެ ހިތްގައިމު އަޑުން، ވޯލްޑް ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގައި ކީރިތި ޤުރުއާންގެ މޫރިތި އާޔަތެއް ކިޔެވުމުންނެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޣަނީމް އުފަންވެފައި ވަނީ ކައުޑަލް ރިގްރެޝަން ސިންޑްރޯމް ނަމަކަށް ކިޔާ ތިރީ ކަށިގަނޑަށް އަސަރުކުރާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކާ އެކުގައެވެ. އޭނާއަކީ ފީފާ ވޯލްޑް ކަޕްގެ އެމްބެސެޑަރއެވެ.

ޣަނީމް އަލް މުފްތާހު (ކ)، މޯގަން (ވ) - ފޮޓޯ: ފީފާ

ޣަނީމް މިއާޔަތް ކިޔަވާފައި ވަނީ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަން ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އިންސާނުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދެމިތިބުމުގެ ސަބަބުތައް، މީހުން ބައިބައިކޮށް އެކަހެރިކުރުވާ ސަބަބުތަކަށް ވުރެ ވަރުގަދަކަން ފާހަގަކޮށް މޯގަން ކުރި ސުވާލަކީ އެސަބަބުތައް އަބަދަށް ދަމަހައްޓާނީ ކިހިނެއްތޯއެވެ.

އެސުވާލަށް ދިން ޖަވާބެއްގެ ގޮތުން، އެތައް ހާސް ބައެއްގެ ކުރިމަތީގައި އޭނާ ކިޔަވާފައި ވަނީ ސޫރަތުލް ހުޖުރަތުގެ 13 ވަނަ އާޔަތެވެ.

يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ ١٣
"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި، އަންހެނަކުންނެވެ. އަދި ތިޔަބައިމީހުން މީސްތަކުންނާއި، قبيلة ތަކަށް ލެއްވީމެވެ. (އެއީ) ތިޔަބައިމީހުން އެކަކު އަނެކަކު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހާއަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހާކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ސޫރަތުލް ހުޖުރަތު: 13

ޤުރުއާންގެ އާޔަތް ކިޔެވުމަށް ފަހު، ޣަނީމް ވަނީ އިނގިރޭސިބަހުން އޭގެ ތަރުޖަމާ ވެސް ދެއްވާފައެވެ.

އަރަބި ސަޤާފަތް ފެނިގެން ދިޔަ މިރަސްމިއްޔާތުގައި ޤަތަރުން ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް އިސްލާމް ދީން ތައާރަފުކުރި ގޮތާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުންނެވެ.

މިރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކުގެ ޕާފޯމެންސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ކޮރެއާގެ މަޝްހޫރު ބްރޭންޑް ބީޓީއެސްވެސް ހިމެނެއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ ގަތަރު ވޯލްޑްކަޕް 2022ގެ ރަސްމީ މެސްކޮޓް، ލަޢީބް ވެސް ދައްކާލައިފައެވެ.

ދުނިޔޭގެ އެންމެބޮޑު "ފުޓްބޯޅަ އީދު" ކަމަށްވާ ވޯރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށާއި، ވަކި ގައުމުތައް ކުޅޭ މެޗްތައް ބައްލަވާލެއްވުމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި، ސިޔާސީ ލީޑަރުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ޑިޕްލޮމެޓުން ޤަތަރަށް ވަޑައިގެންނެވިއެވެ.