އެމެރިކާގެ ސްޓޭޓެއްކަމަށްވާ ޓެކްސަސްގެ މަދަނީ ޖަމިއްޔާއަކާއި ދާރުލްއާސާރެއްގެ ޓީމަކާއި ގުޅިގެން ދުނިޔާގެ އެންމެ ބޮޑު ފޮތް ޗާޕުކޮށްފިއެވެ.

އުސްމިނުގައި 7 ފޫޓު އަދި ފުޅާމިނުގައި 11 ފޫޓު ހުންނަ މިފޮތަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު ޗާޕްކުރެވިފައިވާ ފޮތުގެ ގިނަސް ވޯލްޑް ރެކޯޑް ލިބިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މި ރެކޯޑް ހެދި ދެ ފަރާތްކަމަށްވާ "ލިޓްރަސީ ނޮން ޕްރޮފިޓް އައިރައިޓް" އަދި ބްރަޔަން މިއުޒިއަމްގެ ޓީމުން ވަނީ "އައި އެމް ޓެކްސަސް" ނަމަކަށް ކިޔާ ފޮތުގެ ވަރަށް ބޮޑު ވާޝަން އެއް ހަދާފައެވެ.

"އައި އެމް ޓެކްސަސް" ނަމަކަށް ކިޔާ ފޮތުގައި ހިމެނެނީ ޓޭކްސަސްގައި ކިޔަވާ 1000 ދަރިވަރުންގެ ލިޔުންތަކާއި ކުރެހުންތަކެވެ.

މިފޮތުގެ ކުޑަ ވާޝަން ފިހާރަތަކުގައި ވިއްކަމުންދާއިރު، ރެކޯޑް ހެދި ފޮތުގެ ބަރުދަނުގައި 496 ޕައުންޑް ހުރެއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ދުނިޔޭގެ އެންމެ ބޮޑު ފޮތުގެ ގޮތުގައި ސެޓިފައިކޮށްފައިވާ މި ބޮޑު ފޮތް މިހާރު ޓެކްސަސްގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިވާއިރު، ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހިއުސްޓަންގައި ބާއްވާ ހާއްސަ ޕެރޭޑްގައި ވެސް އެ ފޮތް ފީޗާކުރެވިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.