އިންޑޮނޭޝިޔާގެ މައި ރަށެއް ކަމަށްވާ ޖާވާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ.

އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާއިން ބުނެފައިވަނީ، ބިންހެލުން އައީ ސިއަންޖުރް ނަމަކަށްކިޔާ ރަށުގެ އެއްގަމުން ކަމަށާއި، ބިންހެލުން އައީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.6 ގައެވެ.

އިންޑޮނޭޝިޔާ ސަރުކާރުން ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން އެންމް ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ވެސްޓް ޖާވާއަށް ކަމަށާއި، އެ ޓައުނުން ގާތްގަނޑަކަށް 700 މީހުން ޒަޚަމްވިއެވެ.

ސިއަންޖުރްގެ އިސް އޮފިޝަލެއް ކަމަށްވާ ހަރްމަން ސުހެރްމަން ވިދާޅުވީ، މިހާތަނަށް 46 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، 700 މީހުން ޒަޚަމްވި ކަމަށެވެ.

ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، ޒަޚަމްވި މީހުންގެ ތެރޭގައި އަތްފައި ބިނދި، ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުން ހިމެނޭ ކަމަށާއި، އަނިޔާވެގެން ރިޕޯޓްކުރާ މީހުން އަދިވެސް އިތުރުވަމުންދާ ކަމަށް ހަރްމަން ވިދާޅުވިއެވެ.

ބިންހެލުމުގައި އެތައްބަޔަކު މަރުވެ، އެތައްސަތޭކަ މީހުން ޒަޚަމްވިއިރު، ބިންހެލުމާއި ގުޅިގެން ހާހަށްވުރެ ގިނަ ގެދޮރު ހަލާކުވި ކަމަށް އިންޑޮނޭޝިޔާގެ ޑިޒާސްޓަރ އޭޖެންސީން ބުނެއެވެ.

ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، އެކަމާހެދި މުއާސަލާތީ ޚިދުމަތްވެސް މެދުކެނޑިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބިންހެލުން މަރުކަޒުވި ސިއަންޖުރްގެ ބައެއް މަންޒަރުތައް މެޓްރޯ ޓީވީން ދައްކަމުން ގެންދާއިރު، ބައެއް ގެތައް ބިމާހަމަވެފައިވާ މަންޒަރު ފެނެއެވެ.

އިންޑޮނޭޝިޔާގެ ވެދަރ އަދި ޖިއޯފިޒިކްސް އޭޖެންސީން ބުނެފައިވަނީ، ބިންހެލުން އައިތާ ދެގަޑިއިރު ފަހުން 25 ލޮޅުން އެރި ކަމަށެވެ.

މި ބިންހެލުމުގެ ގުޑުންތައް ވެރިރަށް ޖަކާޓާއަށްވެސް ފޯރިއެވެ. އެގޮތުން، ޖަކާޓާގެ އިމާރާތްތަކަށް ގުޑުންތައް އަރަން ފެށުމުން އޮފީސް އިމާރާތްތަކުން މީހުން މަގުތަކަށް ނުކުތެވެ.

އިންޑޮނޭޝިޔާ އުފެދިފައި އޮންނަ ތަނުގެގޮތުން އެގައުމަކީ ދުނިޔޭގައި ބިންހެލުމުގެ އެންމެ ގިނަ އަދި އެންމެބޮޑު ނުރައްކާތެރި ހާދިސާތައް ހިނގާ އެއް ގައުމެވެ.

އިންޑޮނޭޝިޔާއަށް އަންނަ ބިންހެލުންތަކުގައި އާންމުކޮށް ސުނާމީ އުފެދެއެވެ. އެގޮތުން، އެންމެ ނުރައްކާތެރި ސުނާމީ އުފެދުނީ 2004 ވަނ އަހަރުއެވެ.

ސުމަޓްރާ ކައިރިން ކަނޑުގެ އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އަރައި އިންޑޮނޭޝިޔާގެ އިތުރުން، ސްރީލަންކާ، އިންޑިއާ، ތައިލެންޑް އަދި ދުނިޔޭގެ އިތުރު 9 ގައުމަކުން ދެލައްކަ ތިރީސް ހާހަށްވުރެ ގިނަމީހުން މަރުވިއެވެ.