އިސްރާއީލުގެ އުދުވާނީ ސިފައިން، ފަލަސްތީނު ހައި ސްކޫލް ކިޔަވާ ކުއްޖެއްގެ ގަޔަށް މިއަދު ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، އިސްރާއީލުން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ މަހްމޫދު ސައާދީ ނަމަކަށްކިޔާ ޒުވާނެއް ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން މި ޖަރީމާ ހިންގާފައިވަނީ ހުޅަނގު އައްސޭރީގެ ޖެނީންއަށް ސިފައިންގެ ފައުޖެއް މިއަދު ވަދެ ހިންގި އުދުވާނުގެ ތެރޭގައެވެ.

މަހްމޫދު ސައާދީގެ ގަޔަށް ބަޑިޖަހާފައިވަނީ ސްކޫލަށް ކިޔަވަން ދަނިކޮށް ކަމަށް ފަލަސްތީނުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

މަހްމޫދު ސައާދީ:

އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ ސައާދީގެ ބަނޑަށް ކަމަށާއި، އޭނާ ނިޔާވެފައިވަނީ ޖެނީންގެ އިބްން ސީނާ ސްޕެޝަލައިޒް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން ގެންދަކޮށް ފަލަސްތީނު ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޖެނީންގައި ހިންގި އުދުވާނުގައި އިތުރު 4 ޒުވާނުން ޒަޚަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް، އިބްން ސީނާ ސްޕެޝަލައިޒް ހޮސްޕިޓަލުން ބުނެއެވެ. އެމީހުންގެ މެޔަށާއި، ކޮނޑަށާއި، ފަޔަށް ވަޒަން އަރާފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައިގަނެ އިސްރާއީލުން ކޮންމެ ދުވަހަކު ގެންދަނީ ފަލަސްތީނުގެ ކުޑަކުދިންނާއި، ޒުވާނުން ޝަހީދުކޮށް، ގެތަކަށް ވަދެގަނެ އެތައް ބަޔަކު ހައްޔަރު ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުން ހިންގި އުދުވާނުތަކުގައި ފަލަސްތީނުގެ 203 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެތެރޭގައި 45 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުގެ އުދުވާނުތައް ހުއްޓާނުލާ ކުރިއަށް ގެންދާތީ، ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާ މިއަދުވެސްވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުނ ޝަހީދުކުރުމާއި، ގެދޮރު ސުންނާފަތިކުރުމާއި، ފަލަސްތީނުގެ ރަށްތަކުގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވަން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކާއި އުދުވާނުތަކުގެ އަގު އިސްރާއީލަށް ދައްކަން ޖެހޭނޭ ކަމަށްވެސް ބޮޑުވަޒީރު ޝްތައްޔާ އިންޒާރު ކުރެއްވިއެވެ.