އިޤުތިޞާދާއި ވިޔަފާރީގެ ރޮނގުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިކަމަށް މަޝްވަރާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ، ސަފީރު، އާދަމް މަޒްރަވީ ޖައުފަރު ޞާދިޤު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ،ރާއްޖެއާ ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް، ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތަކާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ބަދަހިގުޅުމެއް އޮތްކަންވެސް ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބުރައީސްގެ އަރިހަށް ސްރީލަންކާގެ ސަފީރު ކުރެއްވި، އިޙްތިރާމްގެ މިޒިޔާރަތުގައި ދެބޭފުޅުން ވަނީ، އިޤުތިޞާދާއި ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ސްރީލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމާއި ގުޅޭ ގޮތުން ސްރީލަންކާ ސަރުކާރުން ވިސްނަވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މި

ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްޤައުމުން އަނެއް ޤައުމަށް އެހީވުން ހިމެނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ފަންނީ ދާއިރާތަކުން މަޢުލޫމާތާއިތަޖުރިބާ ބަދަލު ކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ބޭއްވި އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސާއި ގުޅޭ ގޮތުން ވިދާޅުވީ، އެކޮންފަރެންސުން ޙާޞިލްކުރެވުނު އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށް ފަންޑެއް ޤާއިމް ކުރެވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ފަންޑުގެ ސަބަބުން ދިވެހިރާއްޖެ އާއި ސްރީލަންކާގެ އިތުރުންވެސް މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ކުރިމަތިލާން ޖެހޭ ޤައުމުތަކަށް ފައިދާކުރާނެ ކަމަށެވެ.

މީގެއިތުރުން، ސްމޯލް އައިލެންންޑް ޑިވޮލޮޕިންގ ސްޓޭޓް (ސިޑްސް)ގެ މެމްބަރު ޤައުމުތަކަށް، ކުރިމަތިވަމުން އަންނަ މާލީ ހީނަރުކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތައް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ރާއްޖެއިން ކުރަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއިން، ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 1965 ވަނަ އަހަރުގައެވެ.