ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގައި އިކުއެޑޯ އަދި އިންގުލޭންޑްގެ ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އޮތް ފީފާ ވޯލްޑް ކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވާއިރު، ވާދަކުރީ ގުރޫޕް އޭ ގައި ހިމެނޭ، މުބާރާތް ބާއްވާ ޤަތަރާއި އިކުއެޑޯގެ ޓީމެވެ. މިމެޗަކީ ޤަތަރުގެ ޓީމު ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެއެވެ. ކޮލިފައިވެގެން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވާ ޤަތަރަށް މިފުރުސަތު ފަހިވީ މިއަހަރުގެ ވޯލްޑް ކަޕް އެޤައުމުގައި ބާއްވާތީއެވެ.

20 ނޮވެމްބަރު 2022 - ގުރޫޕް އޭގެ ފުރަތަމަ މެޗު (އޯޕެނިން މެޗު)

ސްޕެއިން ކޯޗަކާއެކު ވަރަށް ބޮޑަށް ތައްޔާރުވެގެން މެޗަށް ނުކުތް ނަމަވެސް ޤަތަރަށް މިމެޗުގައި ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚަށް ބަލާއިރު އޯޕެނިންގ މެޗެއްގައި މުބާރާތް ބާއްވާ ޤައުމުގެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އިކުއެޑޯ އަތުން ޤަތަރު ބަލިވީ އެއްވެސް ލަނޑެއް ނުޖެހިއެވެ.

ދޯހާގެ އަލްބައިތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ދެ ޓީމުން ކުޅެމުން ދިޔައިރު މެޗުގެ ފުރަތަމަ ތިން ވަރަކަށް މިނިޓު ފަހުން އިކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ އަށް ފަހިވި ފުރުސަތެއްގެ ބޭނުންކޮށް އޭނާ ވަނީ ގޯލަށް ބޯޅަ އަމާޒުކޮށްފައެވެ. އެނާ ފޮނުވާލި ބޯޅަ ގޯލަށް ވަތް ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

އެކަމަކު އަލުން ގޯލު ޖަހަން އިތުރު ފުރުސަތެއް ހޯދަން ވެލެންސިއާ އަށް މާއިރެއް ނުނެގިއެވެ. އޭނާ ވަނީ މެޗުގެ 16 ވަނަ މިނިޓުގައި އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގައި އިކުއެޑޯ އިން ޖެހި ދެ ވަނަ ގޯލް ކާމިޔާބުކޮށްދީނީ ވެސް ކެޕްޓަން ވެލެންސިއާއެވެ. އެއީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މެޗުގައި ޤަތަރަށް އެންމެ ޝޮޓެއް ވެސް ގޯލަށް އަމާޒު ނުކުރެވުނު އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޤަތަރުގެ ފޯވާޑް އަލްމީޒް ޢަލީއަށް ވަނީ ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްވެފައެވެ.

ފުރަތަމަ ހާފުގައި ޓީމު ބަލިވާން ފެށުމުން، މުބާރާތް ބާއްވާ ޤައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އިންޓަވަލް ވަގުތުގައި ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.

ވޯލްޑް ކަޕްގެ އޯޕެނިން މެޗުގެ ތެރެއިން --- ފޮޓޯ: ފީފާ

21 ނޮވެމްބަރު 2022 - ގުރޫޕް ބީގެ ފުރަތަމަ މެޗު

މުބާރާތުގެ ދެ ވަނަ މެޗު ހޯމަ ދުވަހުގެ ރޭ ކުޅެފައިވާއިރު، ގުރޫޕް ބީ ގައި ހިމެނޭ އިންގުލޭންޑާއި އީރާނުން ބައްދަލުކުރި މިމެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ އިންގުލޭންޑެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ލީޑު ފުރަތަމަ ވެސް ނެގީ އިންގުލޭންޑުންނެވެ. މެޗުގެ 35 ވަނަ މިނިޓުގައި މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމްއެވެ. އިންގުލޭންޑަށް ލީޑު ފުޅާކޮށް ދިނީ 43 ވަނަ މިނިޓުގައި އާސެނަލްގެ ތަރި މިޑްފީލްޑަރ ބުކަޔޯ ސަކާ ޖެހި ހިތްގައިމު ގޯލަކުންނެވެ. މިގޯލް ކާމިޔާބުކޮށްދިން ބޯޅައިގައި ހެރީ މެގުއާ އަތްލި ކަމަށް [ނުވަތަ ހޭންޑް ބޯލްއެއް ކަމަށް] ބުނެ، އީރާންގެ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ނުރުހުންފާޅުކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމެވީ ހެންޑް ބޯލްއެއް ނޫން ކަމަށާއި އެއީ ގޯލެއް ކަމަށެވެ.

އޭގެ ގާތްގަނޑަކަށް ދެ މިނިޓު ފަހުން އިންގުލޭންޑުން އެމީހުންގެ 3 ވަނަ ގޯލް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކުރިއެވެ. އިތުރު ވަގުތުގެ 14 މިނިޓަށް ފަހު މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0ގެ ނަތީޖާއަކުން އިންގުލޭންޑް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ފެނުނީ އިންގުލޭންޑްގެ ޓީމުގެ ފަރާތުންނެވެ. އެޓީމުން ވަނީ 62 ވަނަ މިނިޓުގައި އިތުރު ގޯލެއް ޖަހައި އީރާންގެ ކުޅުންތެރިންނާއި ސަޕޯޓަރުން އިތުރަށް މާޔޫސްކޮށްލާފައެވެ. ރަހީމް ސްޓާލިންގެ ރީތި ޕާސްއަކުން ފަހިވި ފުރުސަތުގެ ބޭނުން ހިފައި ތިރިތިރިން ފޮނުވާލި ހޫނު ބޯޅަ ގޯލަށް ވައްދައި އިންގުލޭންޑަށް މިލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ވެސް އެޓީމަށް ގޯލް ޖަހައިދީފައިވާ ސަކާއެވެ.

މެޗުގެ 65 ވަނަ މިނިޓުގައި އީރާންގެ ސްޓްރައިކަރު މެހްދީ ތާރޭމީ ޕިރަންޝަހްރިޒާދާ ވަނީ އެޓީމުން މިމެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދީ ޓީމަށް "ސުމެއް ކަނޑައިދީފައެވެ." މިލަނޑާއެކު ލީޑަށް އެއް ލަނޑުގެ ހަނިވުމެއް އައި ނަމަވެސް، އޭގެ 6 ވަރަކަށް މިނިޓު ފަހުން ފޯވާޑް މާކަސް ރަޝްފޯޑް ވަނީ އިންގުލޭންޑަށް އިތުރު ލަނޑެއް ޖަހައިދީ އަނެއްކާ ވެސް ލީޑު ކުރިން އޮތް ވަރަށް އިއާދަކޮށްފައެވެ. ދެވަނަ ހާފު ނިމެން ގާތްވެ، 90 ވަނަ މިނިޓުގައި އިންގުލޭންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ވަނީ އެޓީމަށް 6 ވަނަ ގޯލް ކާމިކާބުކޮށްދީފައެވެ.

މިމެޗުގެ ފަހު ހާފުގައި އިތުރު ވަގުތުގެ 12 މިނިޓު ކުޅުންއިރު، މެޗު ނިމުނީ އިތުރު ވަގުތުގައި އީރާންގެ މެހްދީ ތާރޭމީ ޖެހި ގޯލަކާއެކު 6-2ގެ ނަތީޖާއަކުންނެވެ. 4 ލަނޑުގެ ތަފާތަކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު އިންގުލެންޑަށް ކާމިޔާބުވިއިރު، އިންގުލެންޑުން ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ އެމެރިކާއާއި ދެކޮޅަށެވެ.