ޤަތަރު ވޯލްޑް ކަޕް | 21 ނޮވެމްބަރު 2022 | ގުރޫޕް އޭގެ ދެ ވަނަ މެޗު: ނެދަލޭންޑްސް އަދި ސެނެގާލް
މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް 2022ގެ ގުރޫޕް އޭގެ ދެވަނަ މެޗު ހޯމަ ދުވަހުގެ ރޭ ކުޅެފައިވާއިރު 2-0ގެ ނަތީޖާއަކުން ނެދަލޭންޑްސް މެޗު ކާމިޔާބުކޮށްފިއެވެ. އަލް ތުމާމާ ސްޓޭޑިއަމްގައި، ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވެއެވެ.
މިމެޗު ފެށިގެން ފުރަތަމަ 30 މިނިޓުގައި ސެނެގާލުން ވަނީ ބޯޅަ ހިފަހައްޓާލައިގެން ކުޅެން މަސައްކަތްކޮށްފައެވެ. ދެ ޓީމުން ވެސް ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވިއެވެ. އެގޮތުން ވެސް، މެޗުގެ ފުރަތަމަ ކޮޅުގައި ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ ތަނަވަސްކުރި ފުރުސަތު ފާހަކޮށްލަންޖެހެއެވެ. ނަމަވެސް އެޓީމުގެ މިޑްފީލްޑަރު ފްރެންކީ ޑި ޖޮންގް އަށް ކޯޑީ ދިން ރަނުގެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ 45 ސިކުންތުގައި ސެނެގާލުން ހަމަލާއެއް ފޮނުވާލި ނަމަވެސް، ބޯޅަ ގޯލަށް އަމާޒު ނުވެ، ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ރީތި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ސެނެގާލްގެ ސަޕޯޓަރުން ވަނީ ވަކި ހިސާބަކުން އިތުރު ޑްރަމްތަކެއް ބޭނުންކޮށް ސްޓޭޑިއަމްގައި އަޑު ގަދަކޮށްލާފައެވެ. މެޗުގެ 19 ވަރަކަށް މިނިޓު ފަހުން ސެނެގާލްގެ ސަޕޯޓަރުންގެ ޑްރަމްތަކުގެ ގަދަ އަޑުން ސްޓޭޑިއަމް ގުގުމާލިއިރު، ސަޕޯޓްކުރުމުގައި ނެދެލެން ނެދަލޭންޑްސްގެ ސަޕޯޓަރުންވެސް ދޫ ނުދޭކަން ފާހަގަކޮށްލަމެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ސެނެގާލް އާއި ނެދަލެންޑްސް ވާދަކުރި ފުރަތަމަ މެޗަށް ވާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ސްކޮޑުގެ ނުވަ ކުޅުންތެރިއަކު އެޓީމުގެ ފުރަތަމަ ލައިންއަޕްގައި ހިމަނާފައި ވެއެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުން ރަނގަޅު ފުރުސަތުތައް ތަނަވަސްކުރި އިރު، ގިނަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަަށް ކުރެވުނު ތަނެއް ނުފެނެއެވެ. ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒު ނުވެ، ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް މާޔޫސްކަން ލިބުނު ނަމަވެސް، މެޗުގެ 84 ވަނަ މިނިޓުގައި ނެދަލެންޑްސް އިން ވަނީ ފުރަތަމަ ގޯލް ޖަހައި ލީޑު ނަގާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅަދާނަ ފޯވާޑް ކޯޑީ ގައްޕޯއެވެ. މިފުރުސަތު އޭނާއަށް ފަހިކޮށްދިނީ ޑީ ޖޮންގ ނެގި ހުރަހެކެވެ. މިލަނޑާއެކު ނެދަލޭންޑްސް އަށް އިތުރު ގޯލެއް ޖެހުމުގެ ހިތްވަރު ލިބުނެއެވެ. އެއާއެކު ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 98 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހާފައެވެ. މިއީ މެޗުގައި ޖެހި ފަހު ލަނޑެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކްލާސަންއެވެ. މިއީ އެޓީމުގެ މެމްފިސް ޑީޕާއި ފޮނުވާލި ބާރު ހަމަލާއެއް ސެނެގާލްގެ ކީޕަރުގެ އަތުގައި ޖެހި، އެނބުރި އައި ބާރުމިނުގައި ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗު ނިމިފައި ވަނީ ސެނެގާލްއަށް ގޯލެއް ނުޖެހި ނާކާމިޔާބީއާ ކުރިމަތިލާންޖެހިގެންނެވެ.
ގްރޫޕް އޭގެ ޓީމުތަކުން ފުރަތަމަ މެޗު ކުޅެ ނިމުނުއިރު، ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި ނެދަލަންޑްސް އޮތީ ތިން ޕޮއިންޓާއެކުގައެވެ. ތިންވަނަ އަދި ހަތަރުވަނައިގައި އޮތީ ގަތަރާއި ސެނެގާލްއެވެ.