ރައީސްއަށް ކަންކަން ނޭނގުމުގެ ފައިދާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދަނީ ހިތުހުރި ވަރަކަށް ނަގަމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސައީދު މިހެން ވިދާޅުވެފައިމިވަނީ މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ދައުލަތުގެ ރިޒާވްގެ ހިސާބުތައް ފެންނަ ޗާޓެއް ހިއްސާކުރައްވާ ސައީދު ވިދާޅުވީ ރިޒާވްގައި 2 މަހުގެ ކާޑާއި އަސާސީ މުދާ ގަންނާނެ ބޭރު ފައިސާ ނެތް ވާހަކަ ދައްކަނީ ދައުލަތުގެ ރިޒާވް ދަށަށްދާތީ ކަމަށެވެ.

އަދި މިއީ މީގެކުރީގެ އެއްވެސް ސަރުކާރަކުން ކުރިކަމެއްނޫންކަން ފާހަގަކުރައްވާ މެމްބަރު ސައީދު ވަނީ ރައީސްއަށް ކަންކަން ނުބެލުން ނުވަތަ ނޭނގުމުގެ ފައިދާ ފިނޭންސް މިނިސްޓަރު ދަނީ ހިތުހުރި ވަރަކަށް ނަގަމުން ކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް ދައްކަވާ ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށާއި އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކުރުމުގެ ބޭނުމުގައި ކަމަށެވެ.

ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިދަނީ އެ ގޮންޖެހުންތައް ގިރާކުރަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.