މޯލްޑިވްސް ޓެނިސް ޗެލެންޖް 2022ގެ ވަނަތައް އިއުލާންކޮށް އިނާމުދީފިއެވެ.
ހޯމަ ދުވަހުގެ ރޭ އޮތް ހަފުލާއެއްގައި މިމުބާރާތުގެ ރަނަރ-އަޕުންނަށް އަދި ޗެމްޕިއަނުންނަށް ތަށްޓާއި މެޑައްޔާއި ހަނދާނީ ލިޔުންދީފައި ވެއެވެ. މޯލްޑިވްސް ޓެނިސް ޗެލެންޖަކީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެކެވެ.
މާލޭގައި ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ ހަ ގައުމަކުން ބައިވެރިވިއެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވި ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީލަންކާއެވެ.
މިހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި 12 އަހަރާއި 12 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ސިންގަލް ޗެމްޕިއަނަކީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ރަން މެޑަލި ހޯދި އާދަމް އާލް ނިޔާޒްއެވެ. އަދި 12 އަހަރާއި 12 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ޗެމްޕިއަނަކީ އަދާނީ އަޒްހާރީއެވެ. މޯލްޑިވްސް ޓެނިސް ޗެލެންޖްގައި 14 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ސިންގަލް ޗެމްޕިއަނަކީ ދާވޫދް ޝަހީމްއެވެ. އަދި 14 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ޗެމްޕިއަނަކީ ނަޓްލާޖާ ސްޕްލޯ އޮކްތަނާއެވެ.
މީގެ އިތުރުން ޖޫނިއަރ ކެޓެގަރީގެ ސިންގަލް އަދި ޑަބަލްސް ޗެމްޕިއަނުންގެ އިތުރުން 12 އަހަރާއި 12 އަހަރުން ދަށުގެ އުމުރުފުރާ އަދި 14 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރައިގެ ޑަބަލްސް ޗެމްޕިއަންނުންނަށް ވެސް ހޯމަ ދުވަހުގެ ރޭ އޮތް ހަފުލާގައި ތައްޓާއި ހަނދާނީ ލިޔުން ދީފައިވެއެވެ.
މީގެ އިތުރުން މުބާރާތުގެ ވަކިވަކި ކެޓަގަރީތަކުން ރަނަރ-އަޕުންނަށް ވެސް ވަނީ މެޑައްޔާއި ހަނދާނީ ލިޔުން ދީފައެވެ.
މިމުބާރާތުގައި ރާއްޖެއިން އަރަމުން އަންނަ އުއްމީދީ ގިނަ ޓެނިސް ކުޅުންތެރިން ބައިވެރިވިއެވެ. އަދި މިމުބާރަތުގައި ތައިލެންޑްގެ މުބާރާތުން 1 ވަނަ އަދި 2 ވަނަ ރޭންކް ހޯދި ކުޅުންތެރިންގެ އިތުރުން މެލޭޝިޔާގެ 12 އަހަރުން ދަށުގެ 1 ވަނަ ހޯދި ކުޅުންތެރިޔާ ވެެސް ފެނިގެން ދިޔައެވެ.
މިމުބާރާތުގެ ރަންވަނަތައް ހޯދި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ހިމެނެއެވެ.
މިއީ މާލޭގެ ޓެނިސް ކޯޓު އަޕްގްރޭޑް ކުރި ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ދެވަނަ ޓެނިސް މުބާރާތެވެ.