މުދަލާއި ހިދުމަތުގެ ޓެކްސް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކެސް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މިމަހުގެ 16 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މިބިލް ފާސްކޮށްފައިވަނީ 55 މެމްބަރުން ވޯޓްދެއްވައިގެންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ 26 މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ.

މި ބިލަށް ގެނައި އިސްލާޙުގެ މައިގަނޑު މަގްސަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.

މި އިސްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީއެސްޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވަނީ ގެނެސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިޤްތިސާދީގޮތުން އަންނަ ލޮޅުންތަކާއެކު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅުއްވާނެ ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅައިގެން އިޤްތިސާދު ހިފެހެއްޓުނުކަން އަމީރު ފާހަގަކުރައްވާފައިވެއެވެ.

އަމީރު ވިދާޅުވީ ޔޫރަޕާއި އެމެރިކާގައި އިޤްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޓްރަސްޓް ރޭޓްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމުގައި ވަރަށް ބޮޑަށް ދޮރުތައް ވަނީ ބަންދުވެފައިކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުންދާއިރު ހަރަދުތައްވެސް ދަނީ ބޮޑުވަމުން ކަމަށާއި އެހެންކަމުން އެކަންކަން ހައްލުކުރަން ޤައުމުގެ ތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުން ކަމަށެވެ.

އަދި ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަކީ މާލީ ސިޔާސަތުގެ އެއް އަމާޒުކަމަށާއި އޭގެއިތުރުން ހަރަދުތައް ކުޑަކުރަންވެސް ސިޔާސަތުތަކެއް ކަނޑައަޅާފައި އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.