އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 16 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް 8 އިންސައްތައަށް ބަދަލުކޮށްފިއެވެ.
މި ބަދަލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ ދަށުން އައި ބަދަލެކެވެ.
މީރާއިން ބުނީ، އަންނަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގަ ކަމަށެވެ.
މި ބަދަލާއި ގުޅިގެން ސަމާލުވާންޖެހޭ ކަންތައްތައް ފާހަގަކުރަމުން މީރާއިން ބުނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، އަންނަ ޖެނުއަރީ މަހުގެ ދަންވަރު 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 12 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ 6 އިންސައްތައިގެ ރޭޓުން ކަމަށެވެ.
އަދި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ދަންވަރު 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 16 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8 އިންސައްތައިގެ ރޭޓުން ކަމަށް މީރާއިން ބުނެއެވެ.
އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.
ޖެނުއަރީން ފެށިގެން ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.