ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، ގަރލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ މިރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގަރލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތަޢާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގަރލްގައިޑަކު، މިބެޖް ހާސިލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަޚުރުވެރި ޝަރަފެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ގަރލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން، ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފައެވެ.