ތިން ގައުމެއްގެ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސްއަށް ފަތްކޮޅު އެރުވި އެއް ބޭފުޅަކީ ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ބޮނީ ހާރބޯކްއެވެ.
ފަތްކޮޅު އެރުވުމަށްފަހު، ނެދަލެންޑްސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންނަށް ވިސާގެ ލުއިތައް ދެއްވުމާއި ގުޅޭގޮތުން ނެދަލެންޑްސް ސަރުކާރުން ވިސްނަވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
އަދި މަސްވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްދުލްރަޙްމާން ބެންގްރާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އަލްޖީރިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.
އަދި ރައީސް ޞާލިޙް ވަނީ އަލްޖީރިޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަޤާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްސާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ހަމައެހެންމެ، ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް އިމަނުއެލް ޕުސް ބަޗަލް ވެސް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް ޞާލިޙަށް އަރުވައިފައިވެއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ޤައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ރައިސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.