ޤަތަރު ވޯލްޑް ކަޕް | 22 ނޮވެމްބަރު 2022 | ގުރޫޕް ސީގެ ފުރަތަމަ މެޗު: އާޖެންޓީނާ އަދި ސަޢޫދީ ޢަރަބިއްޔާ

ލުސައިލް ސްޓޭޑިއަމްގައި، ގުރޫޕް ސީގެ ފުރަތަމަ މެޗު ކުޅުނުއިރު، އެސްޓޭޑިއަމްއަކީ ވޯލްޑް ކަޕްގެ ފައިނަލް މެޗުވެސް ކުޅޭ ސްޓޭޑިއަމްގެ ގޮތުގައި ޤަތަރުން ހަމަޖައްސާފައިވާ ފުޓުބޯޅަދަނޑެވެ.

މެޗުގެ ކުޅުން ފެށިގެން ކުރިއަށްދަނިކޮށް، ފުރަތަމަ 10 މިނިޓުގެ ތެރޭގައި އާޖެންޓީނާއަށް ވަނީ ޕެނަލްޓީއެއް ލިބި، ލީޑު ނަގާނެ ފަހި ފުރުސަތެއް ތަނަވަސްވެފައެވެ.

އެޓީމަށް ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމީ، އިދިކޮޅު ކުޅުންތެރިޔަކު ފައުލްކޮށް އޭރިއާ ތެރެއަށް އާޖެންޓީނާގެ ކުޅުންތެރިޔަކު ވައްޓާލުމުންނެވެ. މިޕެނަލްޓީ އެޓީމަށް ދިނުމުގެ ކުރިން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ކަން ހިންގައި ދިޔަގޮތް ކަށަވަރުކޮށްފައެވެ.

މެޗުގެ ކުރީކޮޅު ލަނޑުޖަހަން ރަނުގެ ފުރުސަތެއް ލިބުމުގެ ނަތީޖާއަކަށްވީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކުޅަދާނަ އެއް ފޯވާޑް ލިއޮނެލް މެސީ އާޖެންޓީނާއަށް ލީޑު ނަގައިދިނުމެވެ. މެސީ ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ 10 ވަނަ މިނިޓުގައެވެ.

މެޗުގެ ފުރަތަމަ ލަނޑާއެކު ކުޅިބަލަން ތިބި އާޖެންޓީނާގެ ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވި މަންޒަރު ފެނިގެންދިޔައެވެ. މެސީގެ ކާމިޔާބު ޕެނަލްޓީއާއެކު ސަޢޫދީ ޢަރަބިއްޔާގެ ކުޅުންތެރިން ވަރަށް މޮޅިވެރިވިތަން ފެނިގެން ދިޔަ ނަމަވެސް ސަޕޯޓަރުން ހިތްވަރު އެލުވާލުގައި އެއްވާނެއްގައި ޓީމަށް ތަރުހީބު ދެމުންދިޔައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން މެޗުގެ 22 ވަނަ މިނިޓުގައި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ ފޮނުވާލި ބޯޅަ އެއް ވަނީ ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް، މެޗުގެ ރެފްރީ ނިންމީ އޮފްސައިޑް ކަމަށާއި އެހަމަލާ ގޯލެއްގެ ގޮތުގައި ނުގުނާނެ ކަމަށެވެ.

ޖެހިގެން އައި މިނިޓުގައި އަނެއްކާ ވެސް އާޖެންޓީނާގެ ކުޅުންތެރިޔަކު ގޯލުގެ ތެރެއަށް ބޯޅަ ވެއްދިއެވެ. މިފަހަރުވެސް ރެފްރީ ނިންމެވީ އޮފްސައިޑް ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ފުރަތަމަ ހާފުގައި ސަޢޫދީގެ ޓީމުން ވަރަށް ޑިފެންސިވްކޮށް ކުޅުނުއިރު އިދިކޮޅު ކުޅުންތެރިން އޮފްސައިޑް ކުރުމުގެ ޓެކްނިކެއް ދިޔައީ ބޭނުންކުރަމުންނެވެ. މެޗުގެ 43 ވަނަ މިނިޓުގައި ކުރިންވެސް ސަޢޫދީގެ ގޯލަށް ނުރައްކާކުރި މާޓިނޭޒް ވަނީ ގޯލަށް ބޯޅަ ވައްދާފައެވެ. ނަމަވެސް، ސަޢޫދީގެ ޓީމުން ވަނީ އޮފްސައިޑްކުރުމުގެ ޓެކްނިކް ބޭނުންކޮށް އެެއީވެސް "އޮފްސައިޑް ގޯލް" އަކަށް ހަދާފައެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ފުރަތަަމަ ހާފުގައި ސަޢޫދީއަށް މާ ނުރައްކާ ހަމަލާތަކެއް ނުއުފެއްދުނު ނަމަވެސް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެއެފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގެ ކުޅުމަށް ބަލާއިރު ފެނުނީ ސަޢޫދީ ޢަރަބިއްޔާއިން ކުޅުން ރަނގަޅު ކުރި މަންޒަރެވެ. ނަތީޖާއަކީ ހާފުގެ ކުރީކޮޅު ސަޢޫދީއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ.

އަދި ރީތި ކުޅުމެއް ދައްކައި ފަހަތުން އަރައި އެޓީމުން ވަނީ މެޗުގެ 53 ވަނަ މިނިޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ނަގާފައެވެ. މިހާފުގައި އާޖެންޓީނާއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ފެނިގެންދިޔައީ އެފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފި، ޓީމު ވަރަށް ބޮަޑަށް ޕްރެޝަރަށް ވެއްޓުނު މަންޒަރެވެ.

މިމެޗުގައި ސަޢޫދީ ޢަރަބިއްޔާއިން ދައްކާފައި ވަނީ މީގެ ކުރިން މެޗެއްގައި އެޓީމުން ނުދައްކާ ފަދަ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. އަދި އިދިކޮޅުގެ ހަމަލާތައް ނާކާމިޔާބުކޮށްލުމުގައި ވަރަށް މޮޅު އުކުޅުތަކެއް ބޭނުންކުރި ތަން ފެނިގެންދިޔައެވެ.

މިމެޗުގައި އާޖެންޑީނާގެ ކުޅުންތެރިން ވަނީ 10 ފަހަރު އޮފްސައިޑްވެފައެެވެ. ފައުލްތައް ގިނަ މިމެޗުގައި ސަޢޫދީ ޢަރަބިއްޔާގެ 6 ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މިމެޗުގައި ބޯޅަ ހިފަހައްޓައިން ގިނަ ވަގުތު ކުޅެފައިވަނީ އާޖެންޓީނާއެވެ. އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މިއާ ޚިލާފަށް ސަޢޫދީ ޢަރަބިއްޔާއިން އުފެއްދި ހަމަލާތައް މަދެވެ.

ޖުމުލަކޮށް މިމެޗުގައި އާޖެންޓީނާއިން ކުޅެފައިވަނީ އެޓޭކިން ގޭމެކެވެ. އަދި ސަޢޫދީއިން ކުޅެފައި ވަނީ ޑިފެންސިވް ގޭމެކެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 8 މިނިޓު ނިމުނީ، 2-1ގެ ނަތީޖާއަކުން ސަޢޫދީ ޢަރަބިއްޔާއިން ކުރި ހޯދައިގެންނެވެ. އިތުރު ވަގުތުގެ ތެރޭގައި ރެފްރީއާވީ އަރާރުމެއްގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ކީޕަރަށް ވަނީ ރީނދޫ ކާޑެއްދައްކާފައެވެ.