މެލޭޝިޔާގައި އާންމު އިންތިޚާބު ބޭއްވިތާ 3 ދުވަސް ވެގެންދިޔަ އިރުވެސް ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު އަދިވެސް ޔަގީނެއް ނުވެއެވެ. އަދި ސަރުކާރެއް އެކުލަވާލާނެ ބަޔަކުވެސް ނޭނގެއެވެ.

މެލޭޝިޔާގެ ރަސްގެފާނު މިއަދުވަނީ، އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕަކަތަން ހަރަޕަންގެ އަންވަރު އިބްރާހިމްއާއި، ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕެރިކަތަން ނޭޝަނަލްގެ މުހްޔިއްދީން ޔާސީން ގަނޑުވަރަށް ގެންދަވައި ބައްދަލު ކުރައްވާފައެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ބޭނުންވާ ސިމްޕަލް މެޖޯރިޓީ، އަންވަރު އިބްރާހިމްއަށްވެސް އަދި މުހްޔިއްދީން ޔާސީންއަށްވެސް ލިބިވަޑައި ނުގަންނަވާ ކަމަށް ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

222 ގޮނޑި ހިމެނޭ މެލޭޝިޔާގެ ޕާލަމެންޓް ނުވަތަ ދީވާން ރަކްޔަތަށް މެމްބަރުން އިންތިޚާބު ކުރުމަށް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނެގި ވޯޓުން އަންވަރު އިބްރާހިމްގެ ޕަކަތަން ހަރަޕަން 81 ގޮނޑި ކާމިޔާބު ކުރިއިރު، މުހްޔިއްދީން ޔާސީންގެ ޕެރިކަތަން ނޭޝަނަލްއަށް ލިބުނީ 73 ގޮނޑިއެވެ.

މިހާރު ވެރިކަމުގައިއޮތް ބަރިސަން ނޭޝަނަލްއަށް ލިބުނީ 30 ގޮނޑިއެވެ. ބޯރނިއޯ އިންތިޚާބުގައި ވާދަކުރި ދެ ޕާޓީއެއް ހިމެނޭ ކޯލިޝަނަކުން 28 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ.

އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވަލެވެން އޮތީ، އިތުރު ޕާޓީއަކާ ކޯލިޝަން ހަދައިގެންނެވެ.

ޕަކަތަން ހަރަޕަންއާއި، ޕެރިކަތަން ނޭޝަނަލް އަދި ބަރިސަން ނޭޝަނަލްއިންވެސް ގޮނޑިތައް ކާމިޔާބުކުރި ސަރަހައްދީ ޕާޓީތަކާ ވާހަކަ ދައްކަމުން ގެންދާއިރު، މުހްޔިއްދީން ޔާސީން ވިދާޅުވެފައިވަނީ، އަންވަރު އިބްރާހިމްގެ ޕަކަތަން ހަރަޕަންއާ ކޯލިޝަން ނުހައްދަވާނޭ ކަމަށެވެ. ޕަކަތަން ހަރަޕަންއާ ކޯލިޝަން ހަދައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލައްވަން ރަސްގެފާނު އެދިވަޑައި ގެންނެވުމުންވެސް މުހްޔިއްދީން ޔާސީން އެކަން ގަބޫލެއް ނުކުރެއްވިއެވެ.

މިހާރު ވެރިކަމުގައިއޮތް ބަރިސަން ނޭޝަނަލްއިން ގޮނޑި ކާމިޔާބު ކުރެއްވި ހުރިހާ މެމްބަރުން މާދަމާ ރަސްގެފާނު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

އިންތިޚާބު ބޭއްވިތާ 3 ދުވަސްވެ، ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު އަދިވެސް ޔަގީންވެފައި ނުވާތީ، ރަސްގެފާނުވަނީ، ކެތްތެރިވެ ތިބުމަށް މެލޭޝިޔާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.