ޤަތަރު ވޯލްޑް ކަޕް | 22 ނޮވެމްބަރު 2022 | ގުރޫޕް ޑީގެ ފުރަތަމަ މެޗު: ޑެންމާކު އަދި ޓިއުނީޝިއާ

އަންގާރަ ދުވަހުގެ ރޭ ވޯލްޑް ކަޕް 2022ގެ ގުރޫޕް ޑީގެ ފުރަތަމަ މެޗު ކުޅެފައިވާއިރު، މިމެޗުގައި ވާދަކުރީ މީގެ ކުރިން މިފަދަ މުބާރާތެއްގައި މެޗެއްގައި ބައްދަލުކޮށްފައި ނުވާ ޑެންމާކު އަދި ޓިއުނީޝިއާއެވެ.

މީގެކުރިން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖަށް ވުރެ ޓިއުނީޝިއާއަށް ކުރިއެރުމެއް ލިބިފައި ނުވި ނަމަވެސް، ވޯލްޑް ކަޕްގެ ތާރީޚުގައި ޑެންމާކުގެ ރެކޯޑް ޓިއުނީޝިއާ އަށް ވުރެ ރަނގަޅެވެ. އެކަމަކު ޑެންމާކަށް ވެސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ވުރެ ކުރިއަށް ދެވިފައި ނުވެއެވެ.

ޤަތަރުގެ އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމްގައި ޑެންމާކު އަދި ޓިއުނީޝިއާ ބައްދަލުކުރި މެޗު ކުރީކޮޅުން ފެށިގެން ވެސް ފެނުނީ ޓިއުނީޝިއާގެ ޓީމުން އެޓޭކިން ގޭމެއް ކުޅޭތަނެވެ. މެޗުގެ ފުރަތަމަ 9 މިނިޓުގެ ތެރޭގައި އެކަނި ވެސް އެޓީމުން ވަނީ ޑެންމާކުގެ ގޯލަށް ނުރައްކާވާ ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް، ފޮނުވާލި ދެ ހަމަލާވެސް ގޯލަށް ވަންނަ ގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ 3 މިނިޓުގެ ތެރޭގައި ޑެންމާކަށް ވަނީ ކޯނަރެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ އެރިކްސަން ފޮނުވާލި ބޯޅަ ހަމަޖެހިލައިގެން ތިބި ޓިއުނީޝިއާގެ ޑިފެންސް ލައިނުން ވަނީ ކްލިއާކޮށްފައެވެ.

މެޗުގެ 30 ވަނަ މިނިޓާއި ހަމައަށް ބަލާއިރު، އެންމެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޑެންމާކުންނެވެ. މިމެޗު ކުރިއަށް ދިޔައިރު، ސްޓޭޑިއަމްގައި ހަރަކާތްތެރިވި ނޫސްވެރިޔާ ހަމްޒާ މުހައްމަދުއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ ގާތްގަނޑަކަށް 85 އިންސައްތަ ތިބީ ޓިއުނީޝިއާގެ ޓީމުގެ ފަހަތުގައެވެ. މެޗުގެ 35 ވަނަ މިނިޓުގައި ޑެންމާކުން ވަނީ ޓިއުނީޝިއާ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެޓީމުގެ ހޮޖްބްޖާގް ފޮނުވާލި ބޯޅަ ޓިއުނީޝިއާގެ ގޯލްކީޕަރު ޑަހްމެން ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ 15 މިނިޓުގައި ޓިއުނީޝިއާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، 16 ވަނަ މިނިޓުން ފެށިގެން ޑެންމާކުގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ޓިއުނީޝިއާގެ ޑިފެންސަށް ނުރައްކާކޮށްފައެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވާން 4 މިނިޓަށް ވެފައި ވަނިކޮށް، ޑެންމާކުން ވަނީ މެޗުގެ ފުރަތަމަ ބަދަލު ގެނެސްފައެވެ. ކުޅުމުގެ ތެރެއިން އެޓީމުގެ މިޑްފީލްޑަރު ޑެލާނީއަށް ނުކުޅެވޭ ވަރަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ޑެމްސްގާޑްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށި ފުރަތަމަ 5 މިނިޓު ހިނގި އިރު، ފާހަގަކުރެވުނީ ޓިއުނީޝިއާގެ ޓީމުން ނުކުތީ ރަނގަޅު ފޯމެއްގައި ކަމެވެ.

ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ޑެންމާކުގެ ގޯލަށް ނުރައްކާ ވެސް ކޮށްފައެވެ. ދެވަނަ ހާފުގައި ޑެންމާކު ފެނުނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެން ކުޅޭ ތަނެވެ. އެކަމަކު މެޗުގެ 56 ވަނަ މިނިޓުގައި ޑެންމާކުން ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ލިބުނު ރަނުގެ ފުރުސަތުގައި ޑެންމާކުގެ އޮލްސަން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ، އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށެވެ. މެޗުގެ މިހާ ހިސާބަށް އައިއިރު ދެ ޓީމުން ވެސް ހަމަލާތައް އުފައްދަން މަސައްކަތްކުރިކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް މިހާ ހިސާބުން ޑެންމާކުގެ ކުޅުން ވަރަށް އެޓޭކިންކަން ފާހަގަކުރެވުނެވެ.

މުޅި މެޗަށް ބަލާއިރު އޮތީ ޑެންމާކުގެ ކޮންޓްރޯލްގައެވެ. ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ފަހިވި ނަމަވެސް، މެޗު ނިންމާލިއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތް ނުވިއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އިތުރުން އިތުރު ވަގުތުގެ 5 މިނިޓުގެ ކުޅުން ނިންމާލިއިރު، ނަތީޖާއަކީ 0-0އެވެ.

ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިމުބާރާތުގެ މެޗުތަކަށް ނުކުންނައިރު، އެޓީމުގެ ކެޕްޓަން ސައިމަން ކެޖާ ރެއިންބޯ އާމްބޭންޑް އަޅާނެއެވެ. ރެއިންބޯ އާމްބޭންޑްއަކީ އެއްޖިންސުން ގުޅުން ހިންގުމަށް ތާޢީދުކުރާކަން ރަމްޒުކޮށްދޭން އަޅާ ބޭންޑެކެވެ. ނަމަވެސް، އެފަދަ ބޭންޑެއް އަޅައިގެން ކުޅެން އަރައިފި ނަމަ ރީނދޫ ކާޑު ދައްކާނެ ކަމަށް ފީފާއިން ވަނީ އިންޒާރު ދީފައެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ސައިމަން ރެއިންބޯ އާމްބޭންޑް އަޅާފައި ނުވާކަން ފާހަގަކޮށްލަމެވެ.

ވޯލްޑް ކަޕްގެ ތެރެއިން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން އިސްވެހުރެ ނިންމި ނިންމުމަށް ތާއީދުކޮށް ފްރާންސް، ބެލްޖިޔަމް، ނެދަލޭންޑްސް، ސްވިޒަލޭންޑް، ޖަރުމަނުވިލާތް، ވޭލްސް އަދި ޑެންމާކުގެ ކެޕްޓަނުން ވަނީ މުބާރާތުގައި ރެއިންބޯ އާމްބޭންޑް ބޭނުންކުރާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް، ފީފާގެ އިންޒާރާއެކު، މުބާރާތުގައި ކުޅެން ބޭނުން ނަމަ ކުޅުންތެރިންގެ އެނިންމުން ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ.

މިމެޗުގައި ކުޅުނު ޑެންމާކަކީ ޤަތަރުގައި ވޯލްޑް ކަޕް ބޭއްވުމަށް ފެށުނީއްސުރެ ދެކޮޅު ގައުމެއްކަމުން، އެގައުމުގެ ސަރުކާރުގެ ވެސް އަދި ޝާހީ އާއިލާގެ ބޭފުޅަކުވެސް މުބާރާތް ބަލާލާން ޤަތަރަށް ވަޑައިގަންނަވާފައި ނުވެއެވެ. އަދި ޤަތަރާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ކެމްޕެއިން އަށް ޑެންމާކުން ވާގިވެރިވާކަންވެސް ފާހަގަކޮށްލަމެވެ.