ޤަތަރު ވޯލްޑް ކަޕް | 22 ނޮވެމްބަރު 2022 | ގުރޫޕް ސީގެ ދެވަނަ މެޗު: ޕޮލޭންޑް އަދި މެކްސިކޯ

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގައި، އަންގާރަ ދުވަހުގެ ރޭ ޕޮލޭންޑް އަދި މެކްސިކޯ ބައްދަލުކުރި މެޗު އެއްވެސް ޓީމަަކަށް ލަނޑެއް ނުޖެހި ނިމިއްޖެއެވެ.

ޤަތަރުގެ ސްޓޭޑިއަމް 974ގައި ޕޮލޭންޑާއި މެކްސިކޯ ކުރިމަތިލިއިރު، ސުމެއް ކެނޑުމަށް ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ގޯލަށް ބޯޅަ ވައްދާލެވޭ ގޮތް ނުވިއެވެ. މިމެޗުގެ ކުރިން ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ވެސް ނިންމާލަން ޖެހުނީ މިނަތީޖާއާއެކުއެވެ.

ޕޮލޭންޑް އަދި މެކްސިކޯގެ ފަރާތުން ރީތި އެއްގޮތް ކުޅުމެއް ފެނިގެންދިޔަ، މެޗުގެ ފުރަތަމަ ހާފުގައި ފޮލޭންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަދި މެކްސިކޯގެ ފޯވާޑް އެލެކްސިސް ވޭގާއަށް ވަނީ ލަނޑު ޖަހަން ރީތި ފުރުސަތުތަކެއް ފަހިވެ، ލަނޑު ޖެހުމަށް ނުކުޅެދިފައެވެ. 0-0ގެ ނަތީޖާއެއްގައި އޮވެ، ދެވަނަ ހާފަށް ދިޔައިރު، މެޗުގެ ދެވަނަ ހާފުގައިވެސް ފެނިގެން ދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ.

މިހާފުގައި ދެޓީމުންވެސް ވަނީ ގޯލަށް ނުރައްކާ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މެކްސިކޯގެ ލަޒާނޯ ފޮނުވާލި ހަމަލާ ފާހަގަކޮށްލަންޖެހެއެވެ. އެކަމަކު ޕޮލޭންޑްގެ ކުޅަދާނަ ކީޕަރު ޝެޒްނީ ވަނީ މިހަމަލާ ވެސް ދިފާއުކޮށް، ގޯލް ސަލާމަތްކޮށްފައެވެ. އޭގެ ދެ މިނިޓެއް ވަރު ފަހުން އިދިކޮޅު ކުޅުންތެރިޔަކު އޭރިއާ ތެރެއިން ލެވަންޑޯސްކީއަށް ކުރި ފައުލަކާއި ގުޅިގެން، ޕޮލޭންޑަށް ވަނީ ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ފައުލާއި ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ މެކްސިކޯގެ ކީޕަރު ޖިލޫމޯ އޯޗުވާ ވަނީ ދިފާއުކޮށް، ޕޮލޭންޑުން ލީޑު ނަގަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.

އަންގާރަ ދުވަހު އަދި ރޭ ކުޅުނު ގުރޫޕް ސީގެ މެޗުތަކުގެ ނަތީޖާއާއެކު، ގުރޫޕްގެ އެއްވަނައިގައި އޮތީ އާޖެންޓީނާ ބަލިކުރި ސަޢޫދި ޢަރަބިއްޔާއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ޕޯލަންޑާއި މެކްސިކޯއެވެ. މިގުރޫޕްގެ މެޗުތަކެއް އަންނަ ހޮނިހިރުު ދުވަހު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.