ޤަތަރު ވޯލްޑް ކަޕް | 22 ނޮވެމްބަރު 2022 | ގުރޫޕް ޑީގެ ދެވަނަ މެޗު: ފުރާންސް އަދި އޮސްޓްރޭލިއާ

ވޯލްޑް ކަޕް 2022ގެ ގުރޫޕް ޑީގެ ދެވަނަ މެޗުގައި ފުރާންސުން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިމެޗުގައި ފުރަތަމަ ލީޑު ނެގީ އޮސްޓްރޭލިއާއެވެ. މެޗުގެ ކުރީކޮޅު 0-1ގެ ނަތީޖާއަކުން ފަހަތުގައި އޮތް ފުރާންސުން ވަނީ ފަހަތުން އަރައި 4 ލަނޑު ޖަހައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާފައެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގެންގުޅުނު ފުރާންސުން ވަނީ އެޓޭކިން ގޭމެއް ކުޅެ އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އިތުރު ގޯލް ޖަހަން ފުރާންސަށް ފުރުސަތުތަކެއް ފަހިވި ނަމަވެސް އެފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

މެޗުގައި އޮސްޓްރޭލިއާއިން ލީޑު ނެގި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 9ވަނަ މިނެޓުގައި ފޯވާޑް ކްރޭގް ގުޑްވިންއެވެ. މިލަނޑާއެކު ފުރާންސްގެ ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެނުނު ނަމަވެސް، މާގިނައިރުތަކެއް ނުވެ އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދައި، އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ.

މިމެޗުގައި، ފުރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ފަހިވެ، ރަނގަަޅަށް ބޭނުންކުރެވޭ ގޮތް ނުވެފައެވެ. ފުރަތަމަ ހާފުގެ 25 މިނިޓުގެ ތެރޭގައި ފުލުފުލުގައި ލިބުނު ހުސް ފުރުސަތުތަކެއް ފުރާންސަށް ބޭކާރުވެގެން ދިޔައިރު، މެޗުގެ 27ވަނަ މިނެޓުގައި ފުރާންސްގެ އޭޑިއަން ރަބިއޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ، މިމެޗުގެ 42ވަނަ މިނިޓުގައި އެޓީމުގެ އޮލިވިއޭ ޖިރޫޑް ވަނީ ފުރާންސަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ނަގައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑުގެ ތަފާތަކުން ފުރާންސް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ކޮންޓްރޯލް އޮތީ ފުރާންސްގެ އަތުގައެވެ. މިހާފުގައިވެސް އެޓީމަށް ލަނޑުޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އެކަމަކު އެޓީމުން ފުލުފުލުގައި އޮސްޓްރޭލިއާގެ ގޯލަށް އެޓޭކް ކުރުމުގެ ނަތީޖާއަކަށްވީ، މިމެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ފޯވާޑް ކީލިއަން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލަށް ވަދެ ލީޑު ފުޅާވުމެވެ. އެމްބާޕޭ މިހަމަލާ ފޮނުވާލީ 68ވަނަ މިނެޓުގައެވެ.

އޭގެ ފަހުން 72ވަނަ މިނެޓުގައި ފުރާންސްގެ ޖިރޫޑް ވަނީ އިތުރު ލަނޑެއް ޖާހާފައެވެ. މިއީ އޭނާ ފްރާންސްއަށް ޖަހައިދިން 51 ވަނަ ލަނޑަށް ވާއިރު މިލަނޑާއެކު ޖިރޫޑް ވަނީ މިހާތަނަށް ފުރާންސްއަށް އެންމެ ގިނަ ލަނޑު ޖަހާދިން ތިއެރީ އޮންރީގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

މިމެޗުގައި އޮސްޓްރޭލިއާއިން ވެސް އެޓޭކިން ގޭމެއް ކުޅެއް މަސައްކަތްކުރިއެވެ. ނަމަވެސް، ފުލުފުލުގައި އެޓީމުގެ ގޯލަށް ނުރައްކާ ކުރާތީ މަޖުބޫރުވީ ޑިފެންސަށް ފައިބާށެވެ.

މެޗު ނިމިގެންދިޔައީ 4-1ގެ ނަތީީޖާއަކުން ފުރާންސް މޮޅުވެގެންނެވެ.