ކޮންމެ މީހަކު ކުރިނަމަވެސް މުސްލިމުން ކާފަރުކުރުމަކީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޢަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އިސްލާމިކް މިނިސްޓްރީ ހިސޯރުކޮށްގެން އުޅެނީ ކުފުރުގެ ބައެއްކަމަށް ވިދާޅުވެފައެވެ.

މެމްބަރުގެ މި ވާހަކަތައް ކުށްވެރިކޮށް އަދާލަތު ޕާޓީން ކުރި ޓުވިޓެއްގައި ވަނީ ސިޔާސީ ވާދަވެރިކަމުގައި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރަށާއި އެ މިނިސްޓްރީގެ މުވައްޒަފުން ކާފަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ޢިއްޒަތާއި ކަރާމަތާ އެކަށީގެންވާ ކަމެއްނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ ޚާއްސަ އިމްތިޔާޒުގެ ނިވަލުގައި ތިބެގެން މިފަދަ ހަރުކަށި ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމަކީ އެ ޕާޓީން ކުއްވެރިކުރާ ކަމެއް ކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

މިކަމާއި ގުޅިގެން އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒާހިރު ޢަލީއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.