ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 32 އިންސައްތަ އިތުރުވެފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި ނޮވެންބަރު މަހުގެ 17 ވަނަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 23.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 32 އިންސައްތަ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 16،9 ބިލިއަން ރުފިޔާ ލިބިފަވާއިރު މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 12.3 ބިލިއަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފަވާއިރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 8.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 32.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 27.7 ބިލިއަނުގައެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 14.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.