އެމްޑީޕީ ތެރެއިން ދެން ބަޚާވާތެއް ނުހިންގޭނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސާ މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ސޯލިހުގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާ ވަގުތެއްގައެވެ.

މޫސާ ކުރެއްވި ޓްވީޓެއްގައި ވަނީ ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުން ކަމަށާއި އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެއާއި ބޭރުން އެކަން އޮތީ ހިންގާފައި ކަމަށެވެ.

އަދި ޕާޓީގެ ބަޔަކު ކުރިނަމަވެސް ނުވަތަ އެހެންބަޔަކުރިޔަސް ބަޣާވާތަށް އެމްޑީޕީ މެމްބަރުން ބުނާނީ ނޫނެކޭކަން ފާހަގަކުރައްވާ ރީކޯ ވަނީ ދެނެއް އެކަމެއް ނުހިންގޭނެ ކަމަށް ވިދާޅުވެފައެވެ.

2011 ވަނަ އަހަރުގަ ބަޣަވާތައް ތައްޔާރުވުމުގެ ގޮތުން އެހަރަކާތް ހިންގި މީހުން ފުރަތަމަ ރައްޔިތުންނަށް ވިސްނައިދިނީ ޑޮލަރު ދަތިވެ ރައްޔިތުން ހަނާވަނީ. މިފަހަރު ބަޣާވާތަށް ދޮންކޮށްގެން ތިބި މީހުންވެސް ހަމަ އެލަވަ،ޑޮލަރު ހުސްވީ ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!."
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު

ރީކޯ މިހެން ވިދާޅުވިއިރު މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ކުރަމުންދާ ބަހުސްގެ ތެރޭގައި ރައީސް ނަޝީދު ވަނީ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރާއިރު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރާ މެދު މެމްބަރުން ވިސްނަންޖެހޭ ކަމަށާއި މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރި މަދުންކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ހަފްތާތަކުގައި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތި މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް ދައްކަވާ ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށާއި އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކުރުމުގެ ބޭނުމުގައި ކަމަށެވެ.