ޒަމާނުންސުރެށް އޮންނަ މާލެއާއި ރާއްޖެތެރޭ ތަފާތު ކުރުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނުހިންގަވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، އަދުގެ ސަރުކާރުން މާލެ ވަނީ ވަަރަށް ބޮޑަށް ބާކީ ކޮށްފައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރަށްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރުގެ ޓްވީޓްގައި ވަނީ، ޒަމާނުންސުރެ އޮންނަ މާލެ އާއި ރާއްޖެތެރޭ ތަފާތު ކުރުމުގެ ސިޔާސަތު ރައީސް ޞާލިހް ނުހިންގަވާތީ އީވާ އަބްދުﷲ ނުރުހޭ ކަމަށެވެ. އަދި ރާއްޖެ ތެރޭގެ ރަށްރަށުގަ ނަރުދަމާ އާއި ބޯފެން އަދި ބަނދަރު ހަދަމުންދާތީ އެކަމާ އެންމެ ބޮޑަށް ކަންބޮޑުވާ ފަރާތަކީ އީވާ ކަމަށް ވެސް މެންބަރު ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، މާލޭއަށްވީ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ވައުދު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހަތަރު އަހަރު ފާއިތުވީ އިރުވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވުމުން އެނގިގެންދަނީ އެ ވައުދަކީ ލިސްޓުގެ ވަރަށް ފަހަތުގައިވާ ވައުދެއްކަން ކަމަށެވެ.

އަދި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާކަމަށް ބުނާނަަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ބަޖެޓުގައި ހިމަނަންޖެހޭނެ ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ.

އީވާގެ މި ވާކަކަތަކަށް ބައެއް މެންބަރުން ވަނީ މަޖިލީހުގައި ރައްދު ދެއްވައިފައެވެ.

އެގޮތުން މިވާހަކަތަކަށް ރައްދު ދެއްވައި މަކުނުދޫ ދާއިރާގެ މެންބަރު ވެސް ވަނީ ރާށްރަށާ މާލެއާ އަޅާކިޔާނަމަ މާލެއްއަށް ކޮށްދިން ކަންތައް މާބޮޑު ކަމަށާއި، އެއީ އަޅާކިޔާ ވަރަށް ވުރެ މާގިނަ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.