ކެންބޯޑިއާގައި 24 ގަޑިއިރުގެ ސާކަސް ޝޯއެއް ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ޝޯ ބާއްވާފައިވަނީ 24 ގަޑިއިރާއި، 10 މިނެޓު ވަންދެނެވެ.

މި ރެކޯޑް ހެދި ފަރާތްކަމަށްވާ ކެމްބޯޑިއާގެ ފަރޭ ޕޮންލިއު ސެލްޕަކްގެ އޮފިޝަލުން ބުނީ ގިނިސް ވޯލްޑް ރެކޯޑް ހެދުމުގެ ހިޔާލު އައީ ކޮވިޑް-19އާ ގުޅިގެން ސްކޫލު ބަންދުކުރަން މަޖުބޫރުވުމުން ކަމަށެވެ.

މި ސާކަސްގައި 90 ޕޮފޯމަރުން ބައިވެރިވި އިރު، އޭގެ ތެރޭގައި ސްކޫލުގެ އެންމެ މޮޅެތި އާޓް ޕްރޮފެޝަނަލުންނާއި، "ފަރޭ" ނަކަށް ކިޔާ ޖަމިއްޔާއެއްގެ ޕޮފޯމަރުންވެސް ހިމެނޭ ކަމަށެވެ.

މީގެއިތުރުން، ކެންބޯޑިއާ ސާކަސްގައި ކުރިއަށް ގެންދިޔަ މި ސޯގައި، ޖާދޫ، އެކްރޮބެޓިކްސް، ޑާންސް، ކްލައުނިން، މިއުޒިކް، ކޮންޓޯޝަން ފަދަ އެކި ކަހަލަ ހުނަރުތައް ބެލުންތެރިންނަށް ފެނިގެން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

2021 ވަނަ އަހަރުގެ މާޗް މަހު ސާކަސް ސްޓޭޖްކުރި ނަމަވެސް، ގިނިސް ވޯލްޑް ރެކޯޑްސުން ރެކޯޑް ހެދި ކަމުގެ ހެކިތައް ބަލައި ދިރާސާކުރުމަށް އަހަރަކަށް ވުރެ ދުވަސް ވަނީ ނަގާފައެވެ

ގިނިސްއިން ރެކޯޑް ހެދި ކަމުގެ އިއުލާން ރަސްމީކޮށް ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.