އިންޑޮނޭޝިޔާގެ ޖާވާއަށް މިދިޔަ ހޯމަދުވަހު އައި ބާރުގަދަ ބިންހެލުމުގައި ގިނައިން މަރުވެފައިވނީ ކުޑަކުދިން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި ބިންހެލުން މަރުކަޒުވެފައި ހުރީ ޖާވާ ސިއަންޖުރް ނަމަކަށްކިޔާ ރަށަކަށެވެ. އެވަގުތަކީ ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދިޔަ ވަގުތު ކަމަށް ވެއެވެ. ސިއަންޖުރަކީ ފަރުބަދަމަތީ ރަށެކެވެ.

ބިންހެލުމާ ގުޅިގެން އެންމެ ގިނަ މީހުން މަރުވެ، އެތައްސަތޭކަ އިމާރާތެއް ވެއްޓި، އެންމެ ބޮޑެތި ގެއްލުންތައް ލިބުނީވެސް ސިއަންޖުރަށެވެ.

ބިންހެލުމާއެކު ބިންގަނޑު ކަނޑައިގެންގޮސް ފަސްގަނޑު ފޭބުމުގެ ސަބަބުން އެއް އަވަށެއް އެއްކޮށް ވަޅުލެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ސިއަންޖުރްގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ބިންހެލުމާ ގުޅިގެން މިހާތަނަށް ޖުމްލަ 252 މީހުން މަރުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނަނީ 268 ކަމަށެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް އޭޖެންސީން ބުނެފައިވަނީ، 31 މީހަކު އަދިވެސް ނުފެންނަ ކަމަށެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން ގެންދަނީ ވަޅުލެވިފައިވާ އިމާރާތްތަކުގައި ތާށިވެފައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބިންހެލުމުގެ ފަހުން އެތައް ލޮޅުންތަކެއް އެރި ކަމަށާއި، ބޮޑެތި ގެއްލުންތައް ފަހުން ލިބުނީ ލޮޅުންތަކުގެ ސަބަބުން ކަމަށް އިމަޖެންސީ އިދާރާތަކުން ބުނެއެވެ.

ބިންހެލުމުގައި 2،200 އަށްވުރެ ގެދޮރު ހަމަވެފައި ވާއިރު، 13،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވެއެވެ.

ބިންހެލުމާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަށް އިންޑޮނޭޝިޔާގެ ރައީސް ޖިކޮ ވިޑޯޑޯ އިއްޔެގައި ވަނީ ޒިޔާރަތް ކުރައްވާފައެވެ.

އިންޑޮނޭޝިޔާ އުފެދިފައި އޮންނަ ތަނުގެގޮތުން އެގައުމަކީ ދުނިޔޭގައި ބިންހެލުމުގެ އެންމެ ގިނަ އަދި އެންމެބޮޑު ނުރައްކާތެރި ހާދިސާތައް ހިނގާ އެއް ގައުމެވެ.

އިންޑޮނޭޝިޔާއަށް އަންނަ ބިންހެލުންތަކުގައި އާންމުކޮށް ސުނާމީ އުފެދެއެވެ. އެގޮތުން، އެންމެ ނުރައްކާތެރި ސުނާމީ އުފެދުނީ 2004 ވަނ އަހަރުއެވެ.

ސުމަޓްރާ ކައިރިން ކަނޑުގެ އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އަރައި އިންޑޮނޭޝިޔާގެ އިތުރުން، ސްރީލަންކާ، އިންޑިއާ، ތައިލެންޑް އަދި ދުނިޔޭގެ އިތުރު 9 ގައުމަކުން ދެލައްކަ ތިރީސް ހާހަށްވުރެ ގިނަމީހުން މަރުވިއެވެ.