އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮސެސްކުރާނީ 50،000 ރުފިޔާއާއި ހަމަޔަށް ދޫކޮށްފައިވާ ޗެކްތައްކަމަށް އެބޭންކުން ބުނެފިއެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލްއިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ވަނީ ކަނޑައަޅާފައެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، އޭޕްރީލްގެ ފަހުން އެބޭންކުން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތައްކަމަށެވެ. މިއަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އެގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެއެވެ.

ބޭންކިންގ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުަމަށް ބޭންކުން ވަނީ އެދިފައެވެ. ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރުވޭނެއެވެ.

އިންޓަރނެޓް އަދި މޯބައިލް ބޭންކިންގއަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ.