ޤަތަރު ވޯލްޑް ކަޕް | 23 ނޮވެމްބަރު 2022| ގުރޫޕް އެފް ގެ ފުރަތަމަ މެޗު: މޮރޮކޯ އަދި ކްރޮއޭޝިއާ

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ގުރޫޕް އެފްގެ ފުރަތަމަ މެޗު ބުދަ ދުވަހުގެ ހަވީރު ކުޅެފައިވާއިރު، މިމެޗުގައި ކުރިމަތިލީ މޮރޮކޯއާއި ކްރޮއޭޝިއާއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެންމެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ، މީގެ ކުރިން 1998 އަދި 2018 ގެ ވޯލްޑް ކަޕްގައި އޯޕެނިންގ މެޗު ކާމިޔާބުކުރި ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާއިން ވަނީ 1998ގައި ސެމީ ފައިނަލަށް އަދި 2018 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް، ފުރާންސްއާއެކު ކުޅުނު ފައިނަލުން އެޓީމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއެވެ.

ދެ ޓީމް އެއްވަރުވި މިމެޗުގައި ނުރައްކާތެރި މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެންމެ ފުރަތަމަ މިފަދަ ހަމަލާއެއް އުފައްދާފައި ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާއިންނެއެވެ. އެކަމަކު އޭރިއާގެ ބޭރުން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ޕެރިސިޗް ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒު ނުވެ، ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. މެޗުގެ 34ވަނަ މިނެޓުގައި ވެސް އެޓީމުން މޮރޮކޯގެ ގޯލަށް ނުރައްކާކުރިއެވެ. އެކަމަކު އެހަމަލާ ދިފާޢުކޮށް މޮރޮކޯގެ ކީޕަރު ވަނީ ގޯލް ސަލާމަތްކޮށްފައެވެ. ފުރަތަމަ ހާފުގައި ކްރޮއޭޝިއާ އަށް މިނޫނަސް ލަނޑު ޖަހާނެ ރީތި ފުރުސަތުތަކެއް ލިބި ވަނީ ބޭރުވެފައެވެ.

ފުރަތަމަ ހާފުގައި މޮރޮކޯއަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ފަހިވިއެވެ. މިގޮތުން، މެޗުގެ 24 ވަނަ މިނެޓުގައި މޮރޮކޯއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެޓީމުގެ ފޯވާޑް ޔޫސުފް އަލް ނަސޭރީއަށް އޭރިގެ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލިއިރު، ކްރޮއޭޝިއާގެ ޑިފެންޑަރަކު ވަނީ ހުރަސް އަޅައި ހަމަލާ ނާކާމިޔާބުކޮށްލާފައެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފުގެ ކުޅުމާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި މޮރޮކޯގެ ހަކީމް ޒިޔެޗް އާއި އަޝްރަފް ހަކީމީއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެފަހުންވެސް މޮރޮކޯއިން ހަމަލާ އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެކަމަކު މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނު މެޗު ނިމުނީ ނަތީޖާއަށް ބަދަލެއް ނައިސް ދެޓީމު އެއްވަރުވެގެންނެވެ.

ކްރޮއޭޝިއާ އާއި މޮރޮކޯގެ އިތުރުން ދެން މިގުރޫޕްގައި އޮތީ މަޝްހޫރު ބެލްޖިއަމް އާއި ނޯތު އެމެރިކާގެ ކެނަޑާއެވެ.